ޚަބަރު

މިލައިދޫ އަދި ބަރޮސް، ޓްރިޕްއެޑްވައިޒަރގެ ގިނަ އެވޯޑްތަކެއް ހޯދައިފި


ޓްރިޕް އެޑްވައިޒަރގެ ޓްރެވަލަރ ޗޮއިސް ގިނަ ކެޓަގަރީތަކެއްގެ އެވޯޑުތައް ރާއްޖޭގެ މިލައިދޫ އައިލެންޑް މޯލްޑިވްސް އަދި ބަރޮސް މޯލްޑިވްސް ހޯދައިފިއެވެ.
ބ އަތޮޅު މިލައިދޫ ވަނީ ޓްރިޕް އެޑްވައިޒަރގެ ޓްރެވަލަރޒް ޗޮއިސް އެވޯޑްގެ ގިނަ ކެޓަގަރީތަކެއްގައި ހިމެނިފައެވެ. މީގެތެރޭގައި ޓޮޕް ބެސްޓް ސާރވިސް މޯލްޑިވްސްގެ އެއްވަނަ، ރާއްޖޭގެ ޓޮޕް ހޮޓެލްސް ލިސްޓުގެ ދެވަނަ، ޓޯޕް ބެސްޓް ރޮމޭންސް މޯލްޑިވްސްގެ ތިންވަނަ އަދި ޓޮޕް ރޮމާންސް އޭޝިޔާގެ ނުވަ ވަނައިގެ އިތުރުން ޓޮޕް ލަގްޒަރީ މޯލްޑިވްސްގެ ހަތަރުވަނައިގެ އިތުރުންވެސް އިތުރު އެވޯޑުތައް މިލައިދޫއިން ކާމިޔާބުކުރިއެވެ. ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަޑައަޅާފައިވާ ބ އަތޮޅުގައި އޮންނަ މި ރިސޯޓަކީ 50 ޕްރައިވެޓް ވިލާ ހިމަނައިގެން ތައްޔާރުކޮށްފައިވާ ރިސޯޓެކެވެ.

މާލެ އަތޮޅު ބަރޮސް މޯލްޑިވްސް ޓްރިޕްއެޑްވައިޒަރގެ ޓްރެވަލަރޒް ޗޮއިސް އެވޯޑްގެ އަށް ކެޓަގަރީއެއްގައި ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ފޮރ ލަގްޒަރީ އިން ދަ ވޯލްޑްގެ ހަވަނަ، ހޮޓެލް ފޮރ ރޮމާންސް އިން އޭޝިޔާގެ އެގާރަވަނައިގެ އިތުރުން ހޮޓެލް ފޮރ ސާރވިސް އިން މޯލްޑިވްސްގެ 3 ވަނަ ފާހަގަކޮށްލެވެއެވެ.

ޓްރިޕް އެޑްވައިޒަރއަކީ ފަތުރުވެރިންނަށް ރިސޯޓުތަކުގެ މައުލޫމާތާއި ޕްރޮމޯޝަންތައް ބުނެދީ، އޮންލައިން ބުކިން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޓްރެވަލް ވެބްސައިޓެކެވެ. މިވެބްސައިޓުން ދަނީ ކޮންމެ އަހަރަކު އެކި ދުވަސްވަރުމަތިން ފަތުރުވެރިންގެ މެދުގައި އޮންލައިންކޮށް ނަގާ ވޯޓެއްގެ ޒަރިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތައް ގިންތިކޮށް، އެވޯޑުތައް ދެމުންނެވެ. މިގޮތުން ޓްރެވަލަރ ޗޮއިސް އެވޯޑްގެ ނަމުގައި އެކި ކެޓަގަރީތަކަށް ބެހިފައިވާ އެވޯޑުތައް ޓްރިޕް އެޑްވައިޒަރއިން މުޅި އަހަރުތެރޭގައި އެކި ދުވަސްވަރު ދަނީ ދެމުންނެވެ.
ޓްރެވަލަރޒް ޗޮއިސް އެވޯޑްދޭތާ 17 އަހަރުވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ހިދުމަތްތަކެއް ދެމުންދާ 94 ޤައުމަކުން 7812 ޕްރޮޕަޓީޒްގެ އަގުވަޒަންކޮށް އެވޯޑުތައް ވަނީ ދީފައެވެ.