ޚަބަރު

ހުރިހާ ސިނާޢަތްތަކުން ވަސީލަތްތައް ބޭނުންކުރަންވާނީ ދެމެހެއްޓެނިވި ގޮތުގައި - އެންވަޔަރަމަންޓް މިނިސްޓަރ


ކޮންމެ ސިނާޢަތަކުންވެސް ވަސީލަތްތައް ބޭނުންކުރަންވާނީ ދެމެހެއްޓެނިވިކަމާއެކު ދާއިމީ މަންފާ ލިބޭގޮތަށްކަމަށާއި، ވަގުތީ މަންފާއަށް ވަސީލަތްތައް ބޭނުންކުރާނަމަ އެކަމުން ލިބޭ ގެއްލުން ފަހުން މާ ބޮޑުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޒިންމާދާރު ކަމާއެކު ވަޞީލަތްތައް ބޭނުންކުރުމާއި އުފެއްދުމާ ގުޅޭގޮތުން ބާއްވާ މަލްޓި-ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުން ފައްޓަވާދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ ކޮންމެ ސިނާޢަތަކުންވެސް ވަޞީލަތްތައް ބޭނުންކުރުމާއި އުފެއްދުންތެރިކަން ބިނާވެގެންވަނީ ވަގުތީ މަންފާ ޙާސިލުކުރުމަށްކަމަށް ވާނަމަ އޭގެ ނަތީޖާ މުސްތަޤުބަލުގައި ހިތި ވާނެކަމަށެވެ. އަދި ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކީ ރާއްޖެއަށް ބީރައްޓެހި ކޮންސެޕްޓެއް ނޫންކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުވެސް ވަޞީލަތްތައް ބޭނުންކުރަނީ ދެމެހެއްޓެނިވި ގޮތުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައި އޮތީ ރާއްޖޭގެ ވެއްޓަށް ކަމަށްވާއިރު މިހާރުވެސް ބައެއް ފަރާތްތަކުން މޫދަށް ކުނިއަޅާކަން ފާހަގަކުރެވޭކަމަށާއި ފަތުރުވެރިކަން ދެމެހެއްޓުމަށް އެކަން ހުއްޓާލަން ޖެހޭކަމަށެވެ. އެގޮތުން ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެއިން ކުރާއިރު، ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން އެންމެ ފުރަތަމަ ހުއްޓާލަންޖެހޭ ބަޔަކީ ދިވެހިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
"ކޮންމެ ސިނާޢަތެއްގެ ވިސްނުން ހުރީ ހަމައެކަނި އުފެއްދުންތެރިކަމަށް ވެއްޖިއްޔާ އޭގެއިން އެންމެ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ. ހަމަ އެކަނި ވަގުތީ ފައިދާއަށް އަދި މަދު ފައިސާއިން ކަމެއް ކުރުމުގެ ބަދަލުގައި މުސްތަގުބަލަށް ވިސްނަން ޖެހޭ. ވަޞީލަތްތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފަންޖެހޭ"
އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

ޒިންމާދާރުކަމާއެކު ވަޞީލަތްތައް ބޭނުންކުރުމާއި އުފެއްދުމާ ގުޅޭގޮތުން ބާއްވާ މަލްޓި-ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމަކީ ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިޔާ ފެސިލިޓީއާއި، މިނިސްޓްރީ އޮފް އެނަވަޔަރަމަންޓް ގުޅިގެން އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ 12 ވަނަ ލަނޑުދަނޑި ކަމަށްވާ "ޒިންމާދާރުކަމާއެކު ތަކެތި ބޭނުންކޮށް އުފެއްދުމަށް ބާރު އެޅުމުގެ" ގޮތުން ބާއްވާ ބައްދަލުވުމެކެވެ. އެއް ދުވަހުގެ މިބައްދަލުވުމުގައި ކަމާ ގުޅުންހުރި ދާއިރަތަކުގެ ބޭފުޅުންވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި ވަޞީލަތްތައް ބޭނުންކުރެވޭ ގޮތާއި، އެކި ގިންތިތަކުގައި އިސްރާފު ކުޑަކޮށް އެންމެ ހަރުދަނާކަމާއެކު ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޢަމަލުތައް ބެހެއްޓުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ވިލާތުގެ އިއްތިހާދުން ކުރިއަށްގެންދާ ޒިންމާދާރުކަމާއެކު ތަކެތި އުފައްދައި ބޭނުންކުރުމަށް މަސައްކަތްކުރެވި ނަތީޖާ ނެރެވިދާނެ ފަދަ މަޝްރޫޢުތަކަށް ހިލޭ އެހީ ދޭ ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.