ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ގަވާއިދުތައް ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކުލައާއި ލޯގޯ އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި ޕާޓީތަކުގެ ހަރަކާތްތައް ޑިމޮކްރެޓިކް ވެއްޓާއި އެއްގޮތަށް ގެންދެވޭނީ ޤާނޫނު ބަދަލު ކޮށްގެން ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ. އެއާއެކު ސިޔާސީ ޕާޓީތަކުގެ ޤަވާއިދުތަކަށް ވެސް ބަދަލު ގެންނަން ޖެހޭ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އަންނަ އޭޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު، އެކުލަވާލެވޭ މަޖިލީހުން ސިޔާސީ ޕާޓީތަކަށް ހެދިފައިވާ ޤާނޫނާއި ގަވާއިދުތައް އިސްލާހްވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ޤާނޫނު ހަދާ މަޖިލީހަށް އައު މެންބަރުން އައްޔަަންވުމުން އިލެކްޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ހުށަހަޅާ އިސްލާހްތައް ފާސްވެގެން ދާނެ ކަމަށް އުއްމީދު ކުރަން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވިއިރު އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރުވެސް ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހުތަކެއް ހުށަހެޅުމަށް އެޓާނީ ޖެނަރަލްގެ އޮފީހާއެކު މަޝްވަރާކޮށް ބައެއް އިސްލާހުތައް މަޖިލީހަށް ވެސް ހުށަހަޅާފައެވެ.