ޚަބަރު

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ބޭރުގެ ވަކީލުންގެ އެހީތެރިކަން ހޯދަނީ


ދައުލަތުން ގެއްލިފައިވާ މުދާލާއި ފައިސާ، ހޯދުމުގެ މަސައްކަތުގައި ބޭރުގެ ވަކީލުންގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ދައުލަތުން ގެއްލިފައިވާ މުދާލާއި ފައިސާ، ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދަކަށްވީއިރު އެކަން ކުރުމަށްޓަކައި އެމަނިކުފާނު ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަވާފައެވެ.

އެޓަރނީ ޖެނެރަލް އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަކީ ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދީގެން ކުރަންޖެހޭކަމެއް ކަމަށާއި އެ މަސައްކަތް ކުރުމަށް ބޭރުގެ ގާނުނީ ވަކީލުންގެ އެހީ ހޯދަން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

"ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް. ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަމަށްޓަކައި ބޭރުގެ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ދަނީ މަޝްވަރާ ކުރަމުން." އޭޖީ އޮފީހުން ވިދާޅުވިއެވެ.

މިމަހު 15 ވަނަ ދުވަހު އޭޖީ އޮފީހުން ވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަދީބު މަނީލޯންޑަރިންގެ ކުށް، ކުރެއްވި ކަމަށް ބެލެވޭ ލިޔެކިޔުންތަކެއް އެސެޓް ރިކަވަރީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅާފައެވެ.

ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް މިހާރުގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެ މަނިކުފާނު ވަނީ ތިން ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.