އިލެކްޝަންސް ކޮމިޝަނުގެ އާ ކުލައާއި ލޯގޯ ތައާރަފުކުރަން އެ ކޮމިޝަނުން ރޭ ބޭއްވި ހަފްލާއަކީ ބޭކާރު ހަރަދަކަށް ނުވޭތޯ ވިދާޅުވެ ކުރީގެ ޕްރެސެކިއުޓަރ ޖެނަރަލް އަހްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ލ؛ޯގޯ ތައާރަފުކުރުމަށް ރޭ ބޭއްވި ހަފްލާ އޮތީ ޖެން ހޮޓަލުގައެވެ. އަދި މި ހަފްލާގައި ގިނަ އަދަދެއްގެ ބަޔަކަށްވަނީ ދައުވަތުވެސް ދީފައެވެ.
ކުރީގެ ޕްރެސެކިއުޓަރ ޖެނަރަލް އަހްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ބަޖެޓްގެ ދަތިކަން ހުރުމާއެކުވެސް ކޮމިޝަންގެ އާ ކުލައާއި ލޯގޯ އިއުލާންކުރަން ބޮޑު ޖަލްސާއެއް ބޭއްވުމަކީ ބޭކާރު ހަރަދަކަށް ނުވޭތޯ ސުވާލު އުފައްދަވާފައެވެ.
އިލެކްޝަނަސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ޢަދަދަށް ބަޖެޓް ނެތުމުން ބަޖެޓްގެ ތާށިވެފައިވާކަމަށް ދާދި ފަހުން ބުނެފައެވެ.
މިއަހަރަށް ލަފާކޮށް އިލެކްޝަންސް ކޮމިޝަނަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިނަމަވެސް، އިލެކްޝަން ކޮމިޝަނުން ވަނީ، މިއަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތުމާއެކު 123 މިލިއަން ރުފިޔާ މަދުވެގެން ބޭނުންވާނެކަމަށް ބަޖެޓް ކޮމިޓީގައިވެސް ބުނެފައެވެ. އަދި އެ ޢަދަދަށް ބަޖެޓް ހަމަޖައްސައި ނުދީފިނަމަ އިންތިޚާބު ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދަތިވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް 9.2 މިލިއަން ރުފިޔާ އިތުރުކޮށްދީ ބަޖެޓް ފާސްކުރި ނަމަވެސް އެ ކޮމިޝަންގެ ބަޖެޓަށް 9.2 މިލިއަން ރުފިޔާ މަޖިލީހުން އިތުރުކުރި ނަމަވެސް ބަޖެޓް ރިޕޯޓްގައި އެކަން ހިމަނުއްވާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާ ބައްދަލުކޮށް އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާވެސް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 6 ވަނަދުވަހު އެވެ.