ޚަބަރު

އަނިޔާވެރިކަމަށް ބާރުލިބޭގޮތަށް ވާހަކަ ދެއްކި މައްސަލައެއް ބަލަނީ


މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާ ތަކުގެތެރޭގައި ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ދައްކާ ވާހަކަ ތަކުގެ މައްސަލަ ބަލަމުންދާކަމަށާއި، ޤާނޫނާ ޚިލާފް އެއްވެސް ކަމަކަށް ޖާގަނުދެއްވާނެކަމަށް ފުލުހުން ބުނެފިއެވެ.މިއަދު އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުއްﷲ ޝަރީފް ވިދާޅުވީ މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާ ތަކާގުޅިގެން އާންމުންނާ ވިޔަފާރިވެރިންގެ ޝަކުވާ ފުލުހުންގެ އިދާރާއަށް ލިބެމުންދާކަމާއި، އަދި މުޒާހަރާ ކުރިއަށްގެންދާ ސަރަހައްދުގެ މަގުތަށް ބަންދު ވުމުގެ ސަބަބުން ޓްރެފިކް މައްސަލަތަށް ވަރަށްބޮޑަށް ދިމާވަމުންދާކަމަށެވެ.ޝަރީފް ވިދާޅުވީ މުޒާހަރާ ތަކުގައި ދައްކާ ބައެއް ވާހަކަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެމުންދާކަމަށާއި، ޤާނޫނާ ޚިލާފު އެސްވެސް ވާހަކައެއް ދެއްކުމާއި، ޣައިރު ޤާނޫނީ އެސްވެސް އަމަލަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ.ފުލުހުން ބުނީ މިކަމާގުޅިގެން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަންސް ކޮމިޝަނަށާއި، ކަމާގުޅުންހުރި މުއައްސަސާތަކާ މައުލޫމާތު ހިއްސާ ކުރަމުންދާކަމަށެވެ.ސުލްހަވެރި އެއްވުމެއްކަމުގައި ބެލެވޭނީ ސުލްހަވެރި މަޤްސަދެއްގައި އެއްވާ އެއްވުންތަށް ކަމަށާއި، އެފަދަ އެއްވުމަކަމަށް އެއްވެސް ހާލެއްގައި ފުލުހުން ހުރަސް ނާޅާނެކަމަށް ފުލުހުން ބުނެއެވެ.ފުލުހުން ބުނީ މި މުޒާހަރާތަކުގެ ތެރޭގައި ހައްޔަރު ކުރި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށާއި، އެދެމީހުންގެ މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންދާކަމަށެވެ.