ޚަބަރު

ހައިކޯޓުގެ އަމުރާއި އެއްގޮތަށް އަދީބު ގެއަށް ބަދަލުކޮށްފި


ތިރީސް ތިން އަހަރަށް ޖަލަށް ޙުކުމް ކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރުމަށް ހައިކޯޓުން ކުރި އަމުރާއި އެއްގޮތަށް އޭނާ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އަދީބު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިރޭ 8:30 އެހާކަށްހާއިރު އެވެ.

އަދީބު ގެއަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް އިއްޔެ ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން ވަނީ އެދިފައެވެ. ސިވިލް ކޯޓުގައިވެސް ކުރިން އެދުނު ގޮތަށް ހައިކޯޓުގައިވެސް އަދީބުގެ ފަރާތުން ވަނީ އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށާއި އެހެންކަމުން ގެއަށް ބަދަލު ކޮށްދިނުމުގެ އަމުރަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ ބާރުގަދަ ބޭސްތަކެއް އޭނާ ކާންޖެހުމުގެ ސަބަބުން ތަފާތު ސިއްޙީ އެތައް އުނދަގޫތަކެއް އޭނާއަށް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ޝަރީޢަތުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު ޝުޖާއު ޢުސްމާން ވިދާޅުވީ މައްސަލަ ބަލާ ނިމެންދެން އަދީބު މިވަގުތު ގޭގައި ބެހެއްޓުމުގެ އަމުރު ނެރެންޖެހޭ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.

އަދީބުގެ ސިއްޙީ ހާލުކޮޅު ގޯސްވެގެން ދާދިފަހުންވެސް އަދީބުވަނީ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދީފައެވެ. އަދި އޭނާއަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށްބުނެ އަދީބުގެ ޢާއިލާގެ ފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.