ޚަބަރު

އައްޑޫގައި ހަދާ ފޮލިސް ޓްރޭނިންގ ސެންޓަރ އަހަރެއްހާ ދުވަހު ތެރޭގައި ނިމޭނެ - ޙަމީދު


ފުލުހުންނަށް ބޭނުންވާ ހުރިހާ ތަމްރީނެއް ދެވޭނެ ފުރިހަމަ މަރުކަޒެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޤާއިމުކުރައްވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ދ. ވާނީގައި ބޭއްވި 30 ވަނަ ޕޮލިސް ރެކްރޫޓް ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ އައްޑޫ ސިޓީގައި ފުލުހުންނަށް ބޭނުންވާ ތަމްރީނު ދެވޭނެ ފުރިހަމަ ވަސީލަތްތަކާއެކު ޓްރޭނިންގ ސެންޓަރެއް ހަދަމުންދާކަމަށެވެ. އެ ޓްރޭނިންގ ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުންދާ ތަނެއްކަމަށާއި، އެ ފެސިލިޓީއަކީ ފުލުހުންގެ މުއައްސަސާގެ ޙަޔާތުގައި ޓްރެއިނިންގ ފެސިލިޓީއެއްގެ ގޮތުގައި ބިނާކުރެވޭ ފުރަތަމަ މަރުކަޒު ކަމަށް އެކްޓިންގ ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންނަކީ ޤާނޫނު ތަންފީޛްކުރުމުގެ މަސައްކަތައް ޤާބިލު، މުޖުތަމައުގައި އަމަން ބެލެހެއްޓުމާއި، ފުލުހުންގެ ވަޒީފާއަށް ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް ފުލުހުންގެ ޓްރޭނިންގ ކަންކަން އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް ހަމީދު ވިދާޅުވިއެވެ. އެގޮތުން މީގެކުރިން ފުލުހުންގެ ތަމްރީނުތައް ދިނުމަށް ބޭނުން ކޮށްފައިވަނީ އެހެނިހެން ބޭނުންތަކަށް އިމާރާތް ކުރެވިފައިވާ ތަންތަނަށް އެކި ބަދަލުތައް ގެނެސްގެންކަން ފާހަގަކުރައްވައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އައްޑޫގައި އަލަށް ހަދާ ޕޮލިސް ޓްރޭނިންގ ސެންޓަރާއެކު ފުލުހުންނަށް ތަމްރީނު ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާ ވެގެންދާނެކަމަށެވެ.