ޚަބަރު

ގަމުން ބަޑިއެއްކަމަށް ބެލެވޭ ނުރައްކާތެރި ހަތިޔާރެއް ފެނިއްޖެ


ބަޑިއެއްކަމަށް ބެލެވޭ ނުރައްކާތެރި ހަތިޔާރެއް ލ. ގަމުން ފެނުމާއެކު އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު، އިންޓެލިޖެންސާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ފެނިފައިވާ ބަޑިއަކީ އަމިއްލައަށް އުފައްދާފައިވާ ބަޑިއެއްކަމަށް ބެލެވޭކަމަށް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުން ބުނީ މި ހަތިޔާރު ފެނުނީ ގަމު ވަލުތެރޭގައި ވަޅުލާފައި އޮއްވާ ކަމަށާއި، މި ހަތިޔާރު ފެނުނީ މިމަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.މިހާރު އެ  އެހަތިޔާރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ.ފުލުހުންގެ އިންޓެލިޖެންސާއި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި، ފޮރެންސިކް ފުލުހުންނާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިމައްސަލަ ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.