ތިރީސް ތިން އަހަރަށް ޖަލަށް ޙުކުމް ކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާ ނުލިބޭ ކަމަށްބުނެ، އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މީގެކުރިން މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށްބުނެ އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން އެ މައްސަލަ ހައިކޯޓުގައި އަދީބުގެ ފަރާތުން ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި އިސްތިއުނާފުގެ މައްސަލާއިގެ އަޑުއެހުމެއް ހައިކޯޓުން ވަނީ އިއްޔެއާ މިއަދު ބާއްވާފައެވެ.
އަދީބު ގެއަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް އިއްޔެ ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން ވަނީ އެދިފައެވެ. ސިވިލް ކޯޓުގައިވެސް ކުރިން އެދުނު ގޮތަށް ހައިކޯޓުގައިވެސް އަދީބުގެ ފަރާތުން ވަނީ އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށާއި އެހެންކަމުން ގެއަށް ބަދަލު ކޮށްދިނުމުގެ އަމުރަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ ބާރުގަދަ ބޭސްތަކެއް އޭނާ ކާންޖެހުމުގެ ސަބަބުން ތަފާތު ސިއްޙީ އެތައް އުނދަގޫތަކެއް އޭނާއަށް ކުރިމަތިވަމުން އަންނަ ކަމަށެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދުވެސް ވަނީ ހައިކޯޓުގައި ބާއްވާފައެވެ. އަދި އަމުރާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތަށްވެސް އަމުރާއި ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ފަނޑިޔާރުން ވަނީ ދެއްވާފައެވެ. އެ ފުރުޞަތުގައި ދަޢުލަތުގެ ވަކީލުން ވިދާޅުވީ އަދީބު ގެއަށް ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ދާދިފަހުންވެސް އަދީބު ގޭ ބަންދުގައި ހުރިކަން ފާހަގަކުރަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އަދީބު ގޭ ބަންދުގައި ބެހެއްޓުމަށްފަހު އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުން އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް ދިން މުއްދަތު ހަމަވެގެން ކަމަށެވެ. އަދި އަދީބު މިވަގުތު ޖަލުގައި ބަހައްޓާފައި ހުރި ގޮޅިއަކީ ވީއައިޕީ ގޮޅިއެއް ކަމަށާއި އެތަނުގައި އޭސީ އާއި ޓީވީ ފަދަ ވަސީލަތްތައް ހުންނާނެ ކަމަށް ދަޢުލަތުން ބުންޏެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ އަދީބުގެ ސިއްޙީ ހާލުކޮޅު ގޯސްވެދާނެތީ އޭނާ ހުންނަ ގޮޅީގައި އިތުރު ޤައިދީއަކުވެސް ބަހައްޓާފައި ހުންނަ ކަމަށެވެ.
ދަޢުލަތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން އަދީބުގެ ވަކީލު މުޙައްމަދު އިޞްމާޢީލް ވިދާޅުވީ ޑޮކްޓަރުން އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ބުނި މުއްދަތުގައި ބަހައްޓާފައި ނުވާ ކަމަށެވެ. އަދި އަދީބުގެ ގޮޅީގައި ބަހައްޓާފައިވާ އިތުރު ޤައިދީއަކީ ޢުމުރުން 60 އަހަރުގެ މީހެއް ކަމަށާއި އެ އުމުރުގެ މީހަކަށް އަދީބަށް އެހީތެރި ނުވެވޭނެ ކަމަށް އަދީބުގެ ވަކީލް ވިދާޅުވިއެވެ.
ކަރެކްޝަނަލް ސަރވިސްގެ ފަރާތުންވެސް ހާޒިރުވި މި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުގެ ފަރާތުން ވަނީ ކަރެކްޝަނަށްވެސް ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. ކަރެކްޝަނުން ބުނީ ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އަދީބުގެ ސިއްޙީ ކަންކަން އެ އިދާރާއިން ކުރަމުން ގެންދާ ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާ ދިނުމުން ކަރެކްޝަނުން އެކަމުގައި ޢަމަލުކުރި ގޮތާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. ކަރެކްޝަނުން ބުނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަރެކްޝަންސް އިން ކުރި ކަމަށެވެ.
މިއަދުގެ ޝަރީޢަތުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު ޝުޖާއު ޢުސްމާން ވިދާޅުވީ މައްސަލަ ބަލާ ނިމެންދެން އަދީބު މިވަގުތު ގޭގައި ބެހެއްޓުމުގެ އަމުރު ނެރެންޖެހޭ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅު ގޯސްވެގެން ދާދިފަހުންވެސް އަދީބުވަނީ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދީފައެވެ. އަދި އޭނާއަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށްބުނެ އަދީބުގެ ޢާއިލާގެ ފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.