ޚަބަރު

ރައްޔިތުން ސަރުކާރަށް ތާޢީދުކުރި އެއްސަބަކީ ޖުޑިޝަރީ އިސްލާޙުކުރަން ވަޢުދުވުން - އޭޖީ


މިސަރުކާރަށް ރައްޔިތުން ތާޢީދުކުރި އެންމެބޮޑު އެއްސަބަބަކީ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ވަޢުދުވުންކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަރުއީ ނިޒާމުގައިހުރި ނުރަނގަޅު ކަންކަން އިސްލާޙު ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ރިފްއަތު ވިދާޅުވީ މިފަދަ ޤައުމީ ބޮޑު މަސައްކަތެއް ކުރުމުގައި ހުރިހާ އެންމެންވެސް އެއް ގަލަކަށް އަރައި ތިބުމަކީ މުހިއްމު ކަމެއްކަަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އިންސާފް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނީ ވަކި ބަޔަކަށް އިންސާފު ލިބޭގޮތަށް ނޫންކަމަށާ، އެންމެންވެސް މަސައްކަތް ކުރަންވާނީ އެންމެނަށްވެސް އިންސާފު ލިބޭ ގޮތަށް ކަމަށް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

ރިފްއަތު މިހެން ވިދާޅުވެފައިވާއިރު، ޝަރުޢީ ދާއިރާ އިސްލާޙު ކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ވެރިކަންކުރާ މައިޕާޓީ އެމްޑީޕީންވަނީ ހާމަކޮށްފައެވެ. އެގޮތުން ސުޕްރީމް ކޯޓުން ބޮޑެތި ބާރުތަކެއް ނަގަންވަނީ ނިންމާފައެވެ. އެގޮތުން އެކޯޓުން އިސްނަގައިގެން އެއްވެސް މައްސަލައެއް ނުބެލޭނެގޮތް ހެދުމާއި ދަށުކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ފައިލް ނުނެގޭގޮތް ހެދުމާއި ހުޅުވާލާފައިވާ އަޑުއެހުމަކާ ނުލައި އެއްވެސް އަމުރަކާހަމައަށް ސުޕްރީމް ކޯޓަށް ވާސިލް ނުވެވޭ ގޮތް ހެދުން ހިމެނެއެވެ.

މީގެ އިތުރުން ޑީޖޭއޭ ހިންގުމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަނޑައެޅުން ސުޕްރީމް ކޯޓުގެ ބާރުގެ ތެރެއިން ނަގާ ޑީޖޭއޭއަކީ ސުޕްރީމް ކޯޓާ ވަކިން އޮންނަ ޑިޕާޓްމެންޓަކަށް ބަދަލުކޮށް އެއީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބު ދާރީވާ ތަނަކަށް ހެދުމާއި ކޯޓުތަކަށް ރަޖިސްޓްރާއިން އައްޔަންކުރުމާއި މުވައްޒަފުންގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު އެޑްމިނިސްޓްރޭޓަރުންނަށް ދިނުމަށްފަހު ރަޖިސްޓްރާއިންނަށް ބޮޑެތި ބާރުތަކެއް ދޭން އެމްޑީޕީންވަނީ ނިންމާފައެވެ.

އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުން ލަފައާއި އިރުޝާދު ނުދެވޭ ގޮތް ހެދުމާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރު ނޯންނަގޮތް ހެދުމާއި ޤާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމުގެ ބާރުތައްވެސް ސުޕްރީމް ކޯޓުން ނަގަން އެމްޑީޕީންވަނީ ނިންމާފައެވެ.