ޚަބަރު

ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް އަބްދުއްރަހީމް، ހިންގާ ކޮމެޓީއަށް 40 މެންބަރުން


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް "ޕީ.އެން.ސީ"ގެ އިފްތިތާހީ ޖަލްސާ ބާއްވައި، އެޕާޓީގެ ވަގުތީ ރައީސަކަށް ޕީޕީއެމްގެ ކުރީގެ ނާއިބުރައީސް، އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިޚާބުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ ކޮންގްރެސް ޕާޓީ އިފްތިތާޙްކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައިވެރިވި 357 މަންދޫބުންގެ އިއްތިފާޤުން އެޕާޓީގެ ވަގުތީ ހިންގާ ކޮމެޓީއަށް 40 މެންބަރުންވަނީ އިންތިޚާބުކޮށްފައެވެ.

ޕާޓީގެ ވަގުތީ ރައީސަށް އަބްދުއްރަހީމް އައްޔަންކުރިއިރު، ނާއިބު ރައީސުންގެ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނަމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ޞަޢީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރުވަނީ އިންތިޚާބުކޮށްފައެވެ. ވަގުތީ ހިންގާ ކޮމެޓީގައި ހިމެނޭ މެންބަރުންގެ ތެރޭގައި ރައީސް ޔާމީނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންނާއި، އެކިއެކި މަޤާމުތައްފުރުއްވި ބޭފުޅުންގެ އިތުރުން ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހިމެނެއެވެ.

މިޖަލްސާގައި ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނަމާއި، ޕާޓީގެ ލޯގޯއާއި، ދިދައިގެ އިތުރުން ޕާޓީގެ ކުލައިގެ ގޮތުގައި ވިލު ނޫކުލަ ވަނީ ފާސްކޮށްފައެވެ. އަދި އެޕާޓީގެ އަސާސީ ޤަވާއިދާއި އަސާސީގަވައިދުގައި ހިެމެނޭ ޕާޓީ ޕްލެޓް ފޯމް ނުވަތަ މެނިފެސްޓޯވެސް ފާސްކޮށްފައެވެ.

ޚާއްސަ މެހެމާނެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި މިޖަސްސާގައި ވާހަކަދައްކަވަމުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމަކަށް އުފައްދާ ޕާޓީއެއް ކަމަށެވެ. އެޕާޓީ އަބަދުވެސް އޮންނާނީ ދިވެހި ޤައުމާއި އިސްލާމްދީން ހިމާޔަތްކުރުމުގެ އަޒުމުގައި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ސިޔާސާތުތައް ކުރިއަރުވައި އެޕާޓީން ދަމަހައްޓާނެކަމަށާއި، ރައީސް ޔާމީން މިހާރު އިސްކޮށް ހިންގަވާ ޕީޕީއެމްއާ އެޕާޓީން މަސައްކަތްކުރާނީ ގުޅިގެން އެއް އަޒުމެއްގައި އެކުއެކީގައި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އެޕާޓީގެ މައިގަނޑު މަސައްކަތަކަށްވާނީ ދިވެހި ޤައުމުގެ ޒަޢާމަތާއި ހަވާލުވުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިޕާޓީއަކީ އެހެން މީހެއްގެ ޕާޓީއެއް ނޫން. މިޕާޓީއަކީ ރައީސް ޔާމީންގެ ޕާޓީއެއް. ރައީސް ޔާމީންގެ ފިކުރުދަމަހައްޓާނެ ޕާޓީއެއް. އެމަނިކުފާނާއެކީގައި ވަރަށް ސާބިތު މިޤައުމާއި ޤައުމުގެ ރައްޔިތުންނައްޓަކައި ޚިދުމަތްކުރާނެ ޕާޓީއެއް. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދޭން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގެ މާއިގަނޑު މަގުސަދުގެތެެރޭގައި މިއޮތީ ރާއްޖޭގެ ޒަޢާމަތާއި ހަވާލުވުމުގެ މަސައްކަތޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރާނީ މިހާރު މިއޮތް ސަރުކާރު ޖަވާބުދާރީކުރުމާއި އެކީގައި ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިޚާބެއްގައި މި ޕާޓީން ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީ.އެން.ސީގެ އިފްތިތާހީ ޖަލްސާ މިރޭ ވާއްވާފައިވާއިރު، އެޕާޓީ އުފެއްދުމުގެ މަސައްކަތަށް ޕީޕީއެމްގެ މުދަލާއި ވަސީލަތް ބޭނުންކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް އިލެކްޝަން ކޮމިޝަނުން ވަނީ ބަލަން ފަށައިފައެވެ.