ޚަބަރު

ބޭނުމީ މަރަށް މަރު - އަރުހަމްގެ ބައްޕަ


ކުއްލިޔާގެ އިރުން އޮންނަ ގޯޅިތެރޭގައި ހުންނަ ޕާކްގެ
ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ދަރުމަވަންތައް ސްކޫލްގެ ދަރިވަރު މުހައްމަދު
އަރްހަމްގެ ގާތިލުންގެ ކިބައިން ބޭނުމީ މަރަށް މަރުކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.



ދެހާސް ބާރަވަނަ އަހަރުގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ހއ.ހޯރަފުށީ ނޫރާނީގޭ އުމުރުން ސޯޅަ އަހަރުގެ މުހައްމަދު އަރްހަމްގެ
މައްސަލާގައި ދައުލަތުން އަންނަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަމުންނެވެ.



މި މައްސަލާގައި
ދައުލަތުން ދައުވާކުރަނީ ގދ.ގައްދޫ ގުންޒަރު،  މުހައްމަދު ސުފިޔާނާއި، ލ.މާވަށު އެވަރބްލޫ
މުހައްމަދު  ވިސާމާއި، ހަމަ އެރަށު އަސަރީގޭ މަންސޫރް ޔޫސުފާއި މއ.ސީނަރީވިއު، އާތިފް
ރަޝީދްގެ މައްޗަށެވެ. މި އެންމެންގެ މައްޗަށްވެސް
އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި މިއަދު
ބޭއްވި ޝަރީއަތުގެ މަޖްލީހުގައި ވާހަކަދައްކަމުން އަރްހަމްގެ ބައްޕަ ބުނީ އޭނާގެ
ދަރިފުޅުގެ ގާތިލުންގެ ކިބައިން
ބޭނުމީ މަރަށް މަރުކަމަށެވެ. އަރްހަމްގެ
ވާރިސުންގެ ގޮތުގައި ދެންތިބީ އެނާގެ މަންމަ އާއި އެއްބަޑު އެއްބަފާ ދައްތައެވެ. މި މީހުންގެ ބަޔާން
މިއަދު ކޯޓުން ނަގާފައިވެއެވެ.



މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ
މަހުގެ އެއްވަނ ދުވަހު އިތުރު އަޑުއެހުމެއް
ބޭއްވުމަށް ތާވަލްކޮށްފައެވެ.