ޚަބަރު

ޔާމީނާއި އަދީބުގެ މަނީ ލޯންޑްރިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިތައް ހުރި ލިޔެކިޔުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް އެޓަރނީ ޖެނެރަލް، އޭޖީ އޮފީހުން ފޮނުވައިފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2014ވަނަ އަހަރު ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި އެހެނިހެން ފަރާތްތަކެއް ހިމެނޭގޮތުން މަނީ ލޯންޑްރިން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކެއް ކޮށްފައިވާ ކަމަށް ނުވަތަ ކުރުމަށް ރާވަފައިވާ ކަމުގެ ހެކި ހިމެނޭ ލިޔެކިޔުންތަކެއް އެމްޑީޕީން މި މަހުގެ ކުރީކޮޅު އެ އޮފީހާއި ޙިއްޞާކޮށްފައިވާ ކަމަށެވެ.

އަދި އެ ލިޔެ ކިޔުންތަކަކީ ކުރީގެ ނާއިބު ރައީސް އަދީބުގެ މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒް ކުރުމަށްފަހު ބައިނަލްއަޤްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަޙްޤީޤު ރިޕޯޓަކާއި އެއާގުޅޭ ލިޔެ ކިޔުންތަކެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވަނީ އިންވެސްޓިގޭޝަން ފާރމުން ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން އެ މޯބައިލް ފޯނުތަކުގައިވާ ޑޭޓާތަކަކީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަދީފައިވާ ޑޭޓާ ރިކަވަރީ އަދި އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިންގ ހަދާފައިވާ ޑޭޓާތަކެއް ކަމަށެވެ.

އޭޖީ އޮފީހުން ބުނީ އެ ލިޔެކިޔުންތައް އެ އޮފީހުން ދިރާސާކުރިއިރު އެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުން މަނީ ލޯންޑްރިންގގެ ކުށުގެ އިތުރުން ރިޝްވަތު ދިނުމާއި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކުށުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ ލިޔެކިޔުންތައް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އާ މި މަހުގެ 15ވަނަ ދުވަހު ޙިއްޞާކޮށްފައިވާ ކަމަށެވެ. އަދި ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގައި، ހެކި ރައްކާތެރިކޮށް މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ތައްޔާރީތައް ކުރުމަށްޓަކައި ފުލުހުންނަށްވެސް އެ ލިޔެކިޔުންތައް ޙިއްޞާކޮށްފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަދީބާއި ގުޅޭ މަނީ ލޯންޑްރިންގގެ މައްސަލައެއް ފުލުހުންނާއި ރިޔާސީ ކޮމިޝަނަށް ހުށަހަޅާފައިވާއިރު މިހާރުވެސް ރައީސް ޔާމީނާއި ގުޅޭ މަނީ ލޯންޑްރިންގގެ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީން ވަނީ ތިން ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.