ޚަބަރު

ކުރީގެ ދެ ސީޕީންގެ މައްޗަށް އުފުލި ދަޢުވާ ނަގައިފި


ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފްގެ މައްޗަށް ދަޢުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ޕްރެސެކިއުޓާ ޖެނެރަލް، ޕީޖީ އޮފީހުން އަނބުރާ ނަގައިފިއެވެ.

ކުރީގެ ދެ ސީޕީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ޕީޖީ އޮފީހުން ނެގުމަށްފަހު އެ މައްސަލަ އަނބުރާ ފުލުހުންނަށް ވަނީ ފޮނުވާފައެވެ. އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާ ޕީޖީ އައިޝަތު ބިޝާމް ސޮއިކުރައްވާ ވަނީ ސީޕީ ރިޔާޒާއި އަރީފަށް ސިޓީއެއް ފޮނުއްވާފައެވެ.

ކުރީގެ ސީޕީ ރިޔާޒާއި އަރީފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ޕޮލިސް ކޮމިޝަނާގެ މަގާމު އަދާކުރެއްވި ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި މިދިޔަ އަހަރުގެ ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނީ އެ ދެބޭފުޅުންގެ އަމިއްލަ މަންފާއަށް ކަމަށް ދަޢުވާގައި ބުނެފައިވެއެވެ.

މި ދައުވާ އުފުލާފައި ވަނީ ދުރާލާ ރާވައިގެން ސީޕީ އަރީފް މެދުވެރިކޮށް ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ޤައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުން ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރި ކަމުގެ ކުށުގައެވެ.

މި މައްސަލައިގައި ކުރީގެ ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫނާއި ދަނބި ދަރިކަލުން ނަދީމްގެ މައްޗަށް އުފުލި ދައުވާވެސް ވަނީ ގެންގޮސްފައެވެ. އެހެން ނަމަވެސް މި މައްސަލާގައި ދައުވާ އުފުލާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމްގެ މައްޗަށް އުފުލި ދައުވާ ނަގާފައެއް ނުވެއެވެ.