ވިޔަފާރި

ޓޫރިޒަމާބެހޭ ޤަވާއިދު އިސްލާހުކުރުމަށް ޚިޔާލު ހުށަހެޅުމަށް މަޓާޓޯއިންވެސް ހުޅުވާލައިފި


ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއި މިހާރު އަމަލުކުރަމުންދާ ޤަވާއިދުތަކަށް ޚިޔާލު ހުށަހެޅުމަށް މަޓާޓޯއިން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓަރސް، މަޓާޓޯގެ ރައީސް އަބްދުﷲ ސުޢޫދް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު އަމަލުކުރަމުންދާ ޤަވާއިދުތައް އިސްލާހުކޮށް ބަދަލު ގެނައުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ހުޅުވަލާފައިވާ ފުރުސަތުގައި މަޓާޓޯގެ ފަރާތުން ފުރިހަމަ އެއްބާރުލުންދޭނެކަމަށެވެ. އެގޮތުން މަޓާޓޯގެ ފަރާތުން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކާއި ވަކިން ޚާއްސަކޮށް ޓްރެވެލް އޭޖެންޓުންގެ އެކި މައްސަލަތައް މިނިސްޓްރީއަށް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް ސުޢޫދު ވިދާޅުވިއެވެ.

އެހެންކަމުން މިނިސްޓްރީއަށް ހުށަހަޅަން ބޭނުންވާ އެއްވެސް ޚިޔާލެއް އޮތްނަމަ މަޓާޓޯ މެދުވެރިކޮށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް ސުޢޫދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު އަމަލުކުރަމުންދާ ޤަވާއިދުތައް އިސްލާހުކުރުމަށް އީމެއިލް މެދުވެރިކޮށް މަޓާޓޯއަށް ހުށަހެޅޭނެކަމަށް ޖަމިއްޔާއިން ބުނެއެވެ.

މަޓާޓޯއިން މިހާރުވެސް ދަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެކި ފެންވަރުގައި މަސައްކަތްކުރަމުންނެވެ. ފަތުރުވެރިކަމާއި ގުޅުންހުރި އެކި ޚިޔާލު ހުށަހެޅުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ވަނީ އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތުގެ ދަށުން އާންމު ފަރުދުންނަށާއި ޖަމިއްޔާތަކަށް ވެސް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.