ކުޅިވަރު

ދެކުނު އޭޝިޔާގެ ޗެންޕިއަންކަން އުމުރުން 11 އަހަރުގެ ދީމާ ހޯދައިފި


ސައުތު އޭޝިއަން ހޯޕްސް ޗެލެންޖްގައި ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ރަން މެޑައްޔެއް ހޯދާއިފި އެވެ.

އިންޑިއާގެ ހަރްޔާނާ ސްޓޭޓުގައި މިހާރު ކުރިޔަށްދާ މި މުބާރާތުގައި ރަން މެޑައްޔެ ދީމާ ހޯދީ އޭނާ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ މި މުބާރާތަކީ 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ޙާއްސަ ކޮށްގެން މެންބަރު ގައުމުތަކުގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން ގޮސްފައިވަނީ ތިން ކުޅުންތެރިއެކެވެ. މުބާރާތުން ދީމާ އެއްވަނަ ހޯދީ އިންޑިއާގެ ގަދަ ހަތަރު ކުޅުންތެރިންނާއި، ލަންކާގެ ގަދަ ދެ ކުޅުންތެރިންނާއި، ނޭޕާލްގެ ގަދަ ދެ ކުޅުންތެރިން އަދި ބޫޓާންގެ ގަދަ ދެ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.

މި މެޑައްޔާއެކު ދިމާ ވެގެންގޮސްފައިވަނީ ރާއްޖޭގެ ތާރީހުގައި ޓޭބަލް ޓެނިސް މުބާރާތަކުން ރާއްޖޭގެ ކުޅުންތެރިއަކު އިންޓަރނޭޝަނަލް މުބާރާތަކުން ރަން މެޑަލް ހޯދި ފުރަތަމަ ކުޅުންތެރިއާއަށެވެ.