ޚަބަރު

ޑިމޮކްރެޓިކް ވެއްޓެއްގައި ޚިދުމަތް ދެވޭނެ ޤާބިލް ފުލުހުންތަކެއް ބިނާކުރުމަކީ އަމާޒެއް- އެކްޓިންގ ކޮމިޝަނަރ


ފުލުހުންނަށް ދެވޭ ތަމްރީނުތަކަކީ ޑިމޮކްރެޓިކް ވެއްޓެއްގައި ޚިދުމަތް ދެވޭނެ ޤާބިލް ފުލުހުންތަކެއް ބިނާކުރާ ތަމްރީނުތަކަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެކްޓިންގ ކޮމިޝަނަރ މިހެން ވިދާޅުވީ ޕޮލިސް އެކަޑަމީން ދ.ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސްކޫލުން ހިންގި 30 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެކްޓިންގް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ، ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހަކީ ފުލުހުންގެ މަސައްކަތުގެ ތެރެއަށް ވަނުމަށް ކޮންމެ ފުލުހަކުވެސް އަޅާ ފުރަތަމަ ފިޔަވަޅުކަމަށާ އެހެންކަމުން، ކޯހުގެ ތެރެއިން ދަސްވި ކަންކަމުގެ ބޭނުންހިފައި ޚިދުމަތް ދިނުމުގައިވެސް އެގޮތުގައި ޢަމަލުކުރުން މުހިންމު ކަމަށެވެ. އަދި ފުލުހުންނަކީ މަސައްކަތްކުރުމަށް އޮންނަ ޤާނޫނީ އިންތަކާއި މިންތަކުގެ ތެރޭގައި މަސައްކަތްކުރާ، ރައްޔިތުންނާ ގުޅިގެން ޚިދުމަތްކުރުމުގައި ދެމިތިބޭ، މުޖުތަމަޢުގައި ހިނގާ ކުށްތަކާއި އާންމު ރައްކާތެރިކަން ކަށަވަރުކޮށް، ކަމަށް ޤާބިލް ބަޔަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުންގެ ތަމްރީނު ދިނުމުގެ މާހައުލާއި މުދައްރިބުން އިތުރަށް ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް އެކްޓިންގ ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ދެއެކެވި ވާހަކަފުޅުގައި ޤައުމުގެ ދާޚިލީ ހަމަޖެހުން ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ފުލުހުންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ފުލުހުންނަށް ޒަމާނީ ތަޢުލީމާއި ތަމްރީނުތައް ތަކުރާރުކޮށް ލިބުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި އެފަދަ ތަޢުލީމާއި ތަމްރީނު ތަޢާރަފްވެފައިވުމަކީވެސް މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޤައުމުގެ ދާޚިލީ ހަމަޖެހުން ޤާއިމް ކުރުމުގައި ޤައުމުގެ ފަރުދުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިވެފައި އޮތުމަކީ މުހިންމުކަމެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. ޕޮލިސް އެކަޑަމީން ދ.ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސްކޫލުން ހިންގި 30 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގައި 91 ބައިވެރިއަކު ސަނަދު ހާސިލްކޮށްފައިވެއެވެ.

ޤާބިލް ފުލުހުން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އިންޑޯރ ކްލާސްތަކާއި އައުޓް ޑޯރ ކްލާސްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ކޯހުގެ އެންމެ ރަނގަޅު ދަރިވަރުންނާއި އެންމެ މޮޅު ސްކޮޑާއި އައުޓް ޑޯރ އަދި އިންޑޯރ ކްލާސްތަކުން އެންމެ މޮޅު ދަރިވަރާއި ހުރިހާ ގޮތަކުން އެންމެ މޮޅު ބައިވެރިންވެސް ހޮވާފައިވެއެވެ.

މި ޓްރޭނިން ޕްރޮގްރާމުން އެއްވަނަ ހާސިލްކޮށް ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ގދ.ތިނަދޫ އަލީ ޝާނީޒްއެވެ. މި ޙަފްލާގައި ޝާނީޒްއަށްވަނީ ކޮމިޝަނާރސް އެވޯޑް ފޯރ އެކްސެލެންވެސް ދީފައެވެ. މި ޓްރެއިނިންގް ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކުރާ ސެޓްފިކެޓް ލެވެލް 4 ގެ ކޯހެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ފެށި މި ޓްރެއިނިންގ ފަށާފައިވަނީ 125 ބައިވެރިންނާއެކުގައެވެ. މި ކޯހުގެ ބައިވެރިންނަށް ތަމްރީނު ދިނުމަށް 23 މުދައްރިބުން ޙަރަކާތްތެރިވެފައިވާކަމަށަށް ފުލުހުން މަޢުލޫމާތުދެއެވެ.