ޚަބަރު

ޕީއެންސީން ޕީޕީއެމްގެ މުދާ ބޭނުންކުރާ މައްސަލަ ބަލަންފަށައިފި


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ މަސައްކަތަށް ޕީޕީއެމްގެ މުދަލާއި ވަސީލަތް ބޭނުންކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް އިލެކްޝަން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އަލަށް އުފައްދަން ހުއްދަ ދީފައިވާ ޕީއެންސީގެ ކަންކަމުގައި ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާ، އެކޮމިޝަނުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ޕީއެންސީ އުފެއްދުމުގެ މަސައްކަތްތަކުގައި ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާކަމަށްބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ އިތުރު މަޢުލޫމާތު އެކޮމިޝަނުން ނުދެއްވައެވެ. އީސީން ވިދާޅުވީ އެއީއިތުރަށް ބަލަންޖެހޭ ކަމަކަށްވުމުން މިވަގުތަށް އިތުރު ތަފްސީލު ދެވެން ނެތްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ އާ ޤަވާއިދުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ހުއްދަދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ޕާޓީ އުފައްދާކަން ތަހުގީގަށް ސާބިތުވެއްޖެނަމަ، ޕާޓީހަދަން ދިން ހުއްދަ ބާޠިލު ކުރެވޭނެއެވެ. އަދި އެ ޤަވައިދުގައިވާ ގޮތުން އެފަދަ ކަމެއް ކޮމިޝަންގެ ތަހުގިގަށް ސާބިތުވެއްޖެ ނަމަ، އާންމު މަސްލަޙަތަށް ބަލައި، އެޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާޠިލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

މީގެ އިތުރުން ޕާޓީ ހަދަން ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުން ދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވާލައިގެންކަން ސާބިތުވެއްޖެ ނަމަވެސް، ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ބާޠިލުކުރެވޭނެކަމަށް ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް އީސީން އަލަށްގެނައި އިސްލާޙުގައިވަނީ ހިމަނާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންސީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ޢަބްދުﷲއަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމަށް ތިން ހާސް މީހުން ހަމަވުމުން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށްވެސް އީސީން ވަނީ ހުއްދަދީފައެވެ.