ޝަރުޢީ ދާއިރާ އިސްލާޙު ކުރުމަށް އެމްޑީޕީން ތަންފީޒު ކުރަން ބޭނުންވާ ސިޔާސަތުތަކުގެ ތަފްސީލް ހާމަކޮށްފިއެވެ. އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކްޝޮޕްގައި މިއިސްލާޙުތައް ހާމަކޮށްދެއްވީ އެޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުޞައިނެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކްޝޮޕްގައި ޝަރުއީ ދާއިރާއަށް ގެންނަން ނިންމާފައިވާ އިސްލާޙުތަކާ ގުޅޭގޮތުން ހިސާން ވިދާޅުވީ މިހާރު ޑީޖޭއޭގެ ހިންގުމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަނޑައެޅުން ސުޕްރީމް ކޯޓުގެ މެންޑޭޓުގެ ދަށުގައި އޮތްނަމަވެސް ޑީޖޭއޭއަކީ ސުޕްރީމް ކޯޓާ ވަކިން އޮންނަ ޑިޕާޓްމެންޓެއް ގޮތަށް ހެދުމަށްފަހު އެއީމަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވާ ތަނަކަށް ހެދުމަށް ހުށަހަޅުއްވާނެކަމަށެވެ.
އަދި ކޯޓުތަކަށް ރަޖިސްޓްރާއިން އައްޔަންކުރުމާއި މުވައްޒަފުންގެ އޮނިގަނޑު ކަނޑައެޅުމުގައި ކޯޓުތަކުގެ ބާރު ކުޑަކޮށް އެބާރުތައް އެޑްމިނިސްޓްރޭޓަރުންނަށް ދިނުމާއެކު ޝަރުޢީކޯޓުތަކުގެ ރަޖިސްޓްރާއިންނަށް ބޮޑެތި ބާރުތަކެއް ދޭން އެމްޑީޕީންވަނީ ނިންމާފައެވެ.
މީގެ އިތުރުން މިހާރު ފަނޑިޔާރުންނަށް މައްސަލަތައް ހަވާލު ކުރަނީ އިސް ފަނޑިޔާރަށް ވެފައި ވަކިމައްސަލައެއް ވަކިފަނޑިޔާރަކު ބެލުމުން ކުރާޝަކުވާ ހުއްޓުވުމަށް މައްސަލަތައް ހުށަހެޅޭ ތަރުތީބުން ފަނޑިޔާރުންނަށް މައްސަލަތައް ހަވާލު ކުރަން އެމްޑީޕީން ހުށަހަޅައެވެ. އަދި ވަކިޒާތެއްގެ މައްސަލަތަކަށް ބެންޗު ކަނޑައެޅުން ހުއްޓުވުމަށް ފަނޑިޔާރުންގެ ބެންޗު ކަނޑައަޅަން ޖެހޭ ކޯޓުތަކަށް ބެންޗު ކަނޑައެޅުމުގެ ބާރާއި މިހާރު އިސް ފަނޑިޔާރުން ކުރައްވާ އިދާރީ ހުރިހާ މަސައްކަތްތައް ރަޖިސްޓްރާއިން ކުރާގޮތަށް ހަމަޖައްސަންވެސް އެމްޑީޕީން ހުށަހަޅައެވެ.އަދި އިސްތިއުނާފުގެ މުއްދަތުތަކަށް ބަދަލު ގެންނަންވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެމްޑީޕީންވަނީ ސުޕްރީމް ކޯޓުން ބޮޑެތި ބާރުތަކެއް ނަގަން ނިންމާފައެވެ. އެގޮތުން އެކޯޓުން އިސް ނަގައިގެން އެއްވެސް މައްސަލައެއް ނުބެލޭނެގޮތް ހެދުމާއި ދަށުކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓަށް ނުނެގޭ ގޮތް ހެދުމާއި ހުޅުވާލާފައިވާ އަޑުއެހުމަކާއި ނުލާ ސުޕްރީމް ކޯޓުން އެއްވެސް ހުކުމެއް އަދި އަމުރަކާ ހަމައަށްވެސް ވާސިލް ނުވެވޭ ގޮތް ހެދުމާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުން ލަފައާއި އިރުޝާދު ނުދެވޭ ގޮތް ހެދުމާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރު ނޯންނަގޮތް ހެދުމާއި ޤާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމުގެ ބާރުވެސް ސުޕްރީމް ކޯޓުން ނަގަންވަނީ ނިންމާފައެވެ.
މީގެ އިތުރުން ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލާ ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ޑިސްޓްރިކް ކޯޓުތަކެއް އުފެއްދުމަށްފަހު އިސްތިއުނާފު ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށްވަނީ ނިންމާފައެވެ. އަދި ޑިސްޓްރިކް ކޯޓަކީ މާލޭ ސްޕީރިއާ ކޯޓުތަކާ އެއް މެންޑޭޓެއް އޮންނަ ކޯޓުތަކަށް ހެދުމަށްފަހު، އެ އަތޮޅެއްގައި ހިނގާ ކަންކަމާ ގުޅޭ މައްސަލަތައް މާލޭގެ ކުރިމިނަލް ކޯޓަށް ނޫނީ އެހެން ވެސް ސްޕީރިއާ ކޯޓަކަށް ހުށަހެޅުމުގެ ބަދަލުގައި ޑިސްޓްރިކްކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭގޮތް ހެދުމަށް ވަނީ ނިންމާފައެވެ.