ޚަބަރު

އިސްލާމް ދީނާ ދެކޮޅު ފިކުރުތަކާ ދެކޮޅަށް ދިވެހިން އެކަތިގަނޑަކަށް ވާންޖެހޭ- ޝައިޚް އިލްޔާސް ޖަމާލް


ދިވެހި ޤައުމުން އިސްލާމް ދީން ފޮހެލަން ކިތަންމެ ފިކުރެއް ގެނަން މަސައްކަތްކުރި ނަމަވެސް ދިވެހިން އެކަތިގަނޑަކަށްވެ އިސްލާމް ދީނުގެ ދިފާޢުގައި ނުކުމެއްޖެނަމަ އެކަން ކާމިޔާބު ނުކުރެވޭނެކަމަށް ދީނީ ޢިލްމުވެރިއާ އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމުގައި ދިވެހިން އަދާކުރަންޖެހޭ ޒިންމާއާ ގުޅޭގޮތުން ރޭ ދެއްވި މި ދަރުސްގައި ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ މުސްލިމުން އެންމެން އެކަތިގަނޑަކަށްވެ އިސްލާމްދީން ދިފާއުކުރުމަށް ނުކުމެއްޖެނަމަ ދިވެހިން ކިތަންމެ ބަލިކަށި ނަމަވެސް ނުބައިކަމެއް މެދުވެރިނުވާނެކަމަށެވެ. އަދި މި ޤައުމުން އިސްލާމްދީން ފުހެލުމުގެ ކިތައްމެ ފިކުރެއް ގެންނަން އުޅުނުނަމަވެސް އެންމެން އެކަތިގަޑަކަށްވެއްޖެނަމަ އެކަން ކާމިޔާބުނުކުރެވޭނެ ކަމަށެވެ.

ޝައިޚް ވިދާޅުވީ، ރާއްޖޭގެ ތާރީޚަށް ބަލާލިނަމަވެސް ދިވެހި ކާބަފައިން ދެއްކި ރީތި ނަމޫނާއާއި އިސްލާމް ދީނަށް ލޯބިކުރުމާއި އެއްބައިވަންތަކަމުގެ ރީތި މިސާލުތައް ފެންނަން އެބަހުރި ކަމަށެވެ. އަދި ނޭދެވޭ އެކި ކަންކަމާ ދެކޮޅަށް ދިވެހިން އެންމެ ބޮޑު ހަތިޔާރެއްގެ ގޮތުގައި އަބަދުވެސް ބޭނުންކުރަމުންއައީ މާތް ﷲގެ ހަޒްރަތުގައި ދުޢާކުރުން ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވަނީ އިސްލާމްދީނުގެ ކަންކަމުގެ ތެރެއަށް ތަފާތު ތަޖުރިބާތައް ނުވެއްދުމަށާއި މާތް ﷲ ގެ ކަލާންފުޅާއި ރަސޫލާގެ ސުންނަތުގައި ހިފައިގެން ކުރިއަށްދިއުމަށް ގޮވާލާފައެވެ. އަދި އިސްލާމް ދީނާ ގުޅޭ ސައްޙަ މަޢުލޫމާތު އޮޅުންފިލުވައި އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދުމަކީ މުހިންމު ކަމެއް ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

"މި ޖަޒީރާ ރަށްތަކުގެ ދިވެހިންނަކީ ވަރަށް ދީންވެރި ޞާލިހް ބައެއް. ސައްޙަ އީމާންކަމެއް ލިބިގެންވާ ބައެއް. ވަރަށް ތެދުވެރި ނިޔަތެއްގެ ބައެއް.ދިވެހިންގެ ކެއުމަކީ ޙާލާލުކެއުމެއް. މަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ތެރެއިން އެންމެ ޙަލާލު އެއް ކާނަ. އެ ޙާލާލުތަކެތި ކައިގެން އުޅުނު ބައެއް ދިވެހިންނަކީ" ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގަނުދިނުމަށް ދިވެހިން ވިސްނަން ޖެހޭކަން ފާހަގަކުރައްވާ ޝައިޚް ވިދާޅުވީ ޙަޤީޤީ ބާއްޖަވެރިކަން ލިބެން އޮތީ އިސްލާމްދީނުންގެ މަތީގައި ސާބިތުވެތިބެގެންކަމަށެވެ. އަދި ކުރިއެރުމާއި ތަޙްޒީބަށް އެދޭނަމަ އިސްލާމް ދީން ދައްކަވާފައިވާ ހެޔޮ މަގުން ހިނގުމަށް ޝައިޚް ވަނީ ނަސޭހަތްތެރިވެފައެވެ.

އިސްލާމިކް މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށްގެންދާ ދަރުސް ޕްރޮގްރާމްގެތެރެއިން ކުރިއަށްގެންދިޔަ މި ދަރުހަކީ އެ މިނިސްޓްރީން ކުރިއަށްގެންދިޔަ މިފަދަ ތިންވަނަ ޕްރޮގްރާމްއެވެ. ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްޞަ ދަރުހެއް ދީފައިމިވަނީ، ދިވެހި މުޖުތަމަޢުގައި އިސްލާމް ދީނާ ދެކޮޅު ބައެއް ވާހަކަތައް ފެތުރެމުންދާ ދުވަސްވަރެއްގައިކަން ފާހަގަކޮށްލެވެ.