ޚަބަރު

ފެން ނުހިނދެނީ ގްރެވިޓީ ސިސްޓަމްތަކުގެ ސަބަބުންނެއްނޫން-


އަމީނީ މަގުގައި ފެން ނުހިނދެނީ މިހާރު ބަހައްޓަމުންދާ ގްރެވިޓީ ސިސްޓަމްތަކުގެ ސަބަބުން ނޫން ކަމަށް އެމްޑަބްލިއު އެސްސީން ބުނެފިއެވެ.އެމްޑަބްލިއު އެސްސީގެ އިންޖިނިއަރިން މެނޭޖަރ އަހްމަދު މުޖުތަބާ ވިދާޅުވީ، ގްރެވިޓީ ސިސްޓަމް ތަކުގެ ތެރެއިން މިހާރު ހުރިހާ މަސައްކަތެއް ނިމިފައިވަނީ ޣިޔާސުއްދީނާއި، އައިޖީއެމްއެޗްގެ ކައިރީގައި ހުރި ސިސްޓަމް ކަމަށާއި، އެ ދެ ސިސްޓަމުން މިއަދު ވެހުނު ވާރޭގައި އަމީނީ މަގާއި، އައިޖީއެމްއެޗް ކައިރީގައި ހަރުލާފައިވާ ފެން  ޕަމްޕު ކުރަމުންދާ ކަމަށެވެ.އެހެންނަމަވެސް ފެން ހަރުލުމުގައި އެހެން މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވަމުން މުޖުތަބާ ވިދާޅުވީ، އަމީނީ މަގުގައި ބައެއް ތަންތަން އަޑިކޮށް ހުރުމުން އެތަންތަކުގައި ފެން ހަރުލާފައިވާ ކަމަށާއި، ސްޓޭޑިއަމްއިން ނިކުންނަ ފެނުގެ ސަބަބުންވެސް މަގުގައި ފެން ބޮޑުވާ ކަމަށެވެ.ސިސްޓަމްތައް ބަހައްޓަން ފެށިފަހުން ސިސްޓަމްތައް ޓެސްޓުކުރުމާއި ރަނގަޅުކުރަންޖެހޭ ކަންތައް ފާހަގަ ކުރުމަށް ފުރުސަތު ލިބުނީ މިއަދު ވާރޭ ވެހުމުން ކަމަށާއި، ހައުސިންގ މިނިސްޓްރީ އާއި، އެންވައިރްމެންޓް މިނިސްޓްރީގެ އެއްބާރުލުމާއެކު އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައް ފާހަގަކުރަމުންދާކަމަށް މުޖުތަބާ ވިދާޅުވިއެވެ.ދެ ސިސްޓަމުން ފެން ޕަމްޕް ކުރަމުން ދިޔަ ނަމަވެސް  މިއަދު ހެނދުނު ވެހުނު ވާރޭގައި އަމީނީ މަގުގައިވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.ގްރެވިޓީ ސިސްޓަމްތަކުގެ ތެރެއިން މާފަންނު ސްޓޭޑިއަމްގެ ހުޅަނގު ފަރާތުގައި ބަހައްޓާ ސިސްޓަމްގެ ހޮޅި އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، އެންމެ ފަހު ސިސްޓަމް ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ސޯޝަލް ސެންޓަރ ކައިރީގައެވެ.