ދުނިޔެ

ޣައްޒާ މިހާރު އޮތް ޙާލަތަށް ދޫކޮށްލެވިގެން ނުވާނެ– ޓޯނީ ބްލެއަރ


މެދުއިރުމަތީގެ ސުލްޙައިގެ މަޝްވަރާތައް ކާމިޔާބު ކުރަން ބޭނުންނަމަ، ފަލަސްޠީނު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވާންޖެހޭ ކަމަށާ، ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިޔަށް ނުދާނަމަ، ޣައްޒާގައި އަނެއްކާވެސް ހަމަނުޖެހުންތަކެއް ފެށިދާނެ ކަމުގެ އިންޒާރު، މެދުއިރުމަތީގެ ސުލްޙަޔާ ބެހޭ ހަތަރު ބާރުގެ އިއްތިޙާދު – 'ކުއަރޓެޓް'ގެ މަންދޫބު – ޓޯނީ ބްލެއަރ ދެއްވައިފިއެވެ.ޣައްޒާ މިހާރު އޮތް ޙާލަތަށް ދޫކޮށްލައިފިނަމަ، އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށާ، އަނެއްކާވެސް ބޮޑު ކާރިޘާއެއް ފެށުމުގެ ކުރިން އެކަން ހުއްޓުވެން ޖެހޭކަމަށެވެ. އެއީ ފަލަސްޠީނުގެ ދަޚިލީ ސިޔާސީ މައްސަލައެއް ނަމަވެސް، ނުވަތަ މިޞްރާ އިސްރާއީލު ނުވަތަ ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅުމުގެ މައްސަލައެއް ނަމަވެސް، އެކަންކަން ޙައްލުކުރުމުގެ ޒިންމާއެއް ހުރިހާ އެންމެންގެ މައްޗަށް އެބައޮތްކަމަށް ބްލެއަރ ވިދާޅުވިއެވެ.ބްލެއަރ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، އިސްރާއީލުގެ ފަންސާސް ދުވަހުގެ ޢުދުވާނުގައި ސުންނާފަތިވެފައިވާ ޣައްޒާއަށް ވަޑައިގެން، ޣައްޒާ ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައެވެ.ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ ކުރިން ކުރަން ޖެހޭ ކަމެއް އެބައޮތް ކަމަށާ، އެއީ އިސްރާއީލާއެކު ސުލްޙަ ޤާއިމު ކުރުމުގެ މަޞްލަޙަތު އެބައޮތްކަން، ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުން ކަށަވަރު ކުރުން ކަމަށް، ކުރީގެ އިނގިރޭސި ބޮޑުވަޒީރު – ބްލެއަރ ވިދާޅުވިއެވެ.ސުލްޙަ ޤާއިމުކޮށް، ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ޕްރޮމޯޓް ކޮށްދެވޭނީ، ފަލަސްޠީނުގައި ސިޔާސީ އެއްބައިވަންތަކަން ޤާއިމު ކުރެވިގެން ކަމަށްވެސް ބްލެއަރ ވަނީ ވިދާޅުވެފައެވެ.މި ދަތުރު ފުޅުގައި ބްލެއަރ ވަނީ ޣައްޒާގެ ވިޔަފާރިވެރިންނާވެސް ބައްދަލު ކުރައްވާފައެވެ.