ޚަބަރު

ދަނޑުވެރިން ތަމްރީނުކުރާ ޕްރޮގްރާމުގަ 19 ފަރާތެއް ބައިވެރިވަނީ


ދަނޑުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ނަވާރަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފިއެވެ.އެ މިނިސްޓްރީން ބުނީ ހުށަހެޅުންތައް އިވެލުއޭޓްކުރުމަށްފަހު ވިހާވެސް ގިނަ ފަރާތްތަކުން މިތަމްރީންތަކުގައި ބައިވެރިވެވޭނެގޮތުގެ މަތިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީން ޕްރޮގްރާމްތައް މިއަހަރު ހިންގޭނެކަމަށެވެ. އަދި މިތަމްރީން ޕްރޮގްރާމްގައ ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުގެ ނަފާ ހޯދައިދީ ދަނޑުވެރިކަމުން އުފައްދާ ބާވަތްތަކަށް ހައްގު އަގު ލިއްބައިދިނުމަށް ދަނޑުވެރިކަމުގެ ވިޔަފާރި ބައްޓަން ކުރަންވީ ގޮތާއި ބެހޭ ތަފްސީލް ދަނޑުވެރިން ދީ ހޭލުންތެރިކުރެވޭނެ ކަމަށެވެ.އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުގުވެރިކުރުމަށް ކުޑަ ބިންކޮޅެއްގައި ދަނޑުވެރިކަން ކުރާނެ ގޮތާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ނަފާ ހޯދާނެ ގޮތްތައް ޒުވާނުންނަށް އަންގައިދިނުމަށް މިޕްރޮގްރާމްގެ ތެރޭގައި ރޭވިފައިވާކަމަށެވެ.މީގެ އިތުރުން މި ތަމްރީންތަކުގައި ގަސްތަކަށް ޖެހޭބެލިތައް ދެނެގަންނާނެ ގޮތުގެ މައުލޫމާތާއި އެފަދަ ބަލިތައް ކޮންޓްރޯލްކުރާނެ ގޮތްތަކުގެ އިތުރަށް ކުކުޅާއި ކުދި ޖަނަވާރު ގެންގުޅެ ނަފާ ލިބިގަންނާނެ ގޮތުގެ މައުލޫމާތުވެސް ދެވޭނެކަމަށް އެމިނިސްޓްރީން ބުނެއެވެ.މިދިޔަ އަހަރުވެސް ފަސް ރަށެއްގައި މިފަދަ ތަމްރީން ޕްރޮގްރާމް ހިންގާ ސަތޭކަ އަށްޑިހަ ނުވަ ފަރާތަކަށް ތަމްރީން ދީފައިވެއެވެ.