ޓުއަރިޒަމް

ސްޕެއިންގައި ކުރިއަށްދާ ފިތޫރު ފެއަރ އާންމުންނަށް ހުޅުވާލައިފި


ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ ފިތޫރު ފެއަރ އާންމުންނަށް ހުޅުވާލައިފިއެވެ.

އެމް.އެމް.ޕީ.އާރު.ސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފެއަރގައި ރާއްޖެއިން ބަހައްޓާފައި ހުރި ސްޓޭންޑަށް ޒިޔާރަތްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

ފިތޫރު ފެއާރ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ފެއަރތަކުގެ ތެރޭގައި ހިމެނޭ ފެއާރ އެކެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 21 ކުންފުންޏަކުން މި ފެއާރގައި ބައިވެރިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ ފިތޫރު ފެއާރގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކިކަހަލަ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށެވެ. މިގޮތުން ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށްޓަކައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ބައްދަލުވުންތައް ބޭއްވުމާއި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ލުއިކާނާތަކުގެ ރަހަ ބަލާލުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ސްޕެއިނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ސްޕެއިނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ހައެއް ޕޮއިންޓް އަށެއް އިންސައްތަ އިތުރުވެފައެވެ.