ޚަބަރު

ވިލާތުގެ އިއްތިހާދުގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާ ޤައުމުތަކުގެ ލިސްޓަށް ސައުދީ އަރަބިޔާ


ވިލާތުގެ އިއްތިޙާދުގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާ ޤައުމުތަކުގެ ލިސްޓްގައި ސައޫދީ އަރަބިޔާގެ ނަން ހިމަނައިފިއެވެ. ވިލާތުގެ އިއްތިޙާދުގެ އިދާރާތަކާ ހަވާލާދީ ރޮއިޓަރސް ބުނީ، އެ އިއްތިޙާދުގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާ ޤައުމުތަކުގެ ލިސްޓްގައި ސައޫދީގެ ނަން ހިމެނީ، ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުމާއި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސައޫދީ ސަރުކާރުން އެކަށީގެންވާ މިންވަރަށް މަސައްކަތްނުކުރާތީ ކަމަށެވެ.

އައި.އެސް ފަދަ ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގާ ފަރާތްތަކަށް ސައޫދީގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭކަމަށް ތުހުމަތުކޮށް، އެކަން ހުއްޓުވަން ސައޫދީ ސަރުކާރުން މަސައްކަތް ނުކުރާކަމުގެ ތުހުމަތުވެސް ވިލާތުގެ ގައުމުތަކުން ސައުދީއަށް ކުރަމުން ގެންދެއެވެ. އެހެންނަމަވެސް ވިލާތުގެ އިއްތިޙާދުން ހަދާފައިވާ އެ ލިސްޓަކީ ސިޔާސީ ބޭނުމެއްގައި ހަދާފައިވާ ލިސްޓެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެ ލިސްޓުގައި ސައޫދީގެ އިތުރުން އީރާނާއި އިރާގާއި ޔަމަނާއި އަފްޣާނިސްތާނާއި އުތުރު ކޮރެޔާވެސް ހިމަނާފައިވެއެވެ.