ޚަބަރު

ލީބިޔާގައި އިންތިޚާބު ބޭއްވޭނީ ދާޚިލީ އަރާރުންތައް ހައްލުކޮށްގެން: ލަވްރޯވް


ލީބިޔާގައި ހިނގަމުންދާ ދާޚިލީ އަރާރުންތައް ހުއްޓުމަކަށް ގެނައުމަށް ޓަކައި ވާދަވެރި ފަރާތްތަކުގެ މެދުގައި އެއްބަސްވުމަކަށް ނައިސް ލީބިޔާގައި ރިޔާސީ އިންތިޚާބާއި ބަރުލަމާނީ އިންތިޚާބު ބޭއްވުމުގެ ތާރީޚު ކަނޑައެޅުމުގެ ބޭނުމެއް ނެތްކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވް ވިދާޅުވެއްޖެއެވެ.

މަޣްރިބަށް ކުރައްވާ ދަތުރުފުޅެއްގައި ލާވްރޯވް ވިދާޅުވީ، ލީބިޔާގައި ހިނގަމުންދާ އަރާރުންތައް ހުއްޓުމަކަށް ނުގެނަސް އިންތިޚާބެއް ބޭއްވޭނެ ަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، ލިބިޔާއަށް ފުރަތަމަ ބޭނުންވަނީ ވާދަވެރި ފަރާތްތަކުގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރުންކަމަށެވެ.

އަންނަ ޖޫންމަހު ލީބިޔާގައި ރިޔާސީ އިންތިޚާބަކާއި ބަރުލަމާނީ އިންތިޚާބެއް ބާއްވައިގެން ރައީސަކާއި ޤާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް، ހުޅަނގުގެ ބާރުތަކާއި އދން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ލީބިޔާގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކާހެދި މި އިންތިޚާބުތައް ބޭއްވިދާނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ލަވްރޯވް ވަނީ އަލްޖަޒާއިރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޣްރިބަށް ވަޑައިގެން އެ ގައުމުގެ ޚާރިޖީ ވަޒީރު ނާސިރު ބްރީތާ އާއި ރަސްގެފާނު މުހައްމަދު ހަވަނަ އާ ވަކިވަކީން ބައްދަލުކުރައްވާފައެވެ.