ޚަބަރު

ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލަންޖެހޭކަމަށް ފަތަހަ ޖަމާއަތުން ބުނެފި


ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތް ކާމިޔާބުވަމުން ނުދާތީ ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލަންޖެހޭކަމަށް ފަތަހަ ޖަމާއަތުން ބުނެފިއެވެ.

ރައީސް މަހްމޫދު އައްބާސް ނިސްބަތްވެވަޑައިގަންނަވާ ފަތަހަ ޖަމާއަތުން ބުނީ ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލުމާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ރާމަﷲ ގައި ހުކުރުދުވަހު ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި އެ ބައްދަލުވުމުގައި ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާ ދެމެދު ސުލްޙަ ޤާއިމުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރިކަމަށެވެ.

ނަން ހާމަކުރަން ނޭދޭ ފަތަހަ ޖަމާއަތުގެ މަސްއޫލުވެރިއަކު ވިދާޅުވީ، ސުލްޙަ ޤާއިމުކުރުމަށްޓަކައި މިސްރު މެދުވެރިއަކަށްވެގެން ހަމާސްގެ ލިޑަރޝިޕާއެކު މިހާތަނަށް ދެކެވުނު ވާހަކަތަކަށް ބަލާއިރު އެ ވާހަކަތައް ކޮޅެއްގައި ޖެހޭނެކަމުގެ އުންމީދު ނެތްކަމަށެވެ. ފަލަސްތީނުގައި އެކުލަވާލާ އައު ސަރުކާރުގެ ބޮޑުވަޒީރާއި ވަޒީރުންގެ މަޤާމުތަކަށް އައްޔަންކުރާނެ ބޭފުޅުންގެ ނަންތަކެއްވެސް ފަތަހަ ޖަމާއަތުގެ މަރުކަޒީ މަޖިލީހުން އިޚްތިޔާރުކޮށްފައިވާކަމަށް ނަންހާމަކުރަންނޭދޭ އެ ޖަމާއަތުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.