ޚަބަރު

އަޑުގެ މުވައްޒަފުންނަށް ޑްރާމާ ޕްރޮޑަކްޝަން ކޯހެއް ފަށައިފި


އެމްބީސީގެ ދިވެހި ރާއްޖޭގެ އަޑުގެ މުވައްޒަފުންނަށް އަމާޒުކޮށް ރޭޑިއޯ ޑްރާމާ ޕްރޮޑަކްޝަން ކޯހެއް ރޭ ފަށައިފިއެވެ.އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބީސީގެ ސީއީއޯ މުހައްމަދު ސައީދު ވިދާޅުވީ، ރައްޔިތުން އެންމެ އިތުބާރުކުރާ ޗެނަލްތަކަކީ އެމްބީސީގެ ޗެނަލްތައް ކަމަށެވެ. އެގޮތުން އެމްބީސީން އަތޮޅު ތަކުގައި ކުރިއަށްގެންދާ މުރާޖާ ދަތުރުތަކުގައި ލިބޭ އާންމުންގެ ޚިޔާލުންވެސް އެކަން ވަރަށްބޮޑަށް އެނގިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.އޯޑިއަންސް އެންމެ އަޑުއަހާ އެއް ޕްރޮގްރާމަކީ ރޭޑިއޯ ޑްރާމާތައްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، ރޭޑިއޯގެ ޑްރާމާ ތަކާއި ޕްރޮގްރާމްތައް ބައްޓަންކުރެވިގެންދަނީ އަޑުއަހާ އޯޑިއަންސް އިތުރު ކުރުމަށްކަމަށެވެ.ބާރަ ބައިވެރިންނާއި އެކު ރޭ ފެށި ޑްރާމާ ޕްރޮޑަކްޝަން ކޯހަކީ އެޑްވާންސް ފެންވަރުގައި ޑްރާމާ ޕްރޮޑަކްޝަންގެ މަސައްކަތް ދަސްކޮށްދޭ ކޯހެކެވެ. މިކޯހުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޑްރާމާތައް އިތުރުކޮށް، ޑްރާމާގެ ފެންވަރު ރަނގަޅުކޮށް، ރޭޑިއޯގެ އުފެއްދުންތަކުގެ ތެރެއިން، އެންމެ ބޮޑަށް އަހުލުވެރިންނަށް އަސަރުކުރާފަދަ އުފެއްދުންތަކެއް އުފެއްދުންކަމަށް އެމްބީސީން މަޢުލޫމާތުދެއެވެ.ކޯހުގައި ކިޔަވައިދޭ ބައެއް ބައިތަކުގެ ތެރޭގައި، ޑްރާމާގެ ކޮންސެޕްޓް ހެދުމާއި، ކަރެކްޓަރުންގެ ސިފަ، ވާހަކައިގެ ޝައުގު ހިފެހެއްޓުން، ސްކްރިޕްޓާއި ވޮއިސް އާރޓިސްޓުންގެ ބައި ހިމެނެއެވެ.މިކޯހުގައި ކިޔަވައިދެއްވަނީ ރާއްޖޭގައި ވާހަކަ ލިއުމުގެ ތަޖުރިބާކާރު ބޭފުޅުންކަމަށް އެމްބީސީން މައުލޫމާތުދެއެވެ. އޭގެތެރޭގައި، ޑރ. މުސްތަފާ ލުތުފީ، މަޑުލު މުހައްމަދު ވަހީދު، ބަދުރުއް ނަސީރު، ބިންމާ އިބްރާހިމް ވަހީދު ފަދަ ބޭފުޅުން ހިމެނެއެވެ.