ކުޅިވަރު

ރާމޯސް އަށް ފޯވަޑަށް ވެސް ކުޅެވިދާނެ: ކޯޗު


ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަކީ ފޯވަޑަށް ވެސް ކުޅެވޭހާ ގާބިލް ކުޅުންތެރިއެއް ކަމަށް ކޯޗު ސަންތިއާގޯ ސޮލާރީ ބުނެފިއެވެ.
އޭނާ މިހެން ބުނީ ކޮޕާޑެލްރޭ މެޗުގައި ޖިނޯރާ އަތުން 4-2އިން ރެއާލް މޮޅުވި މެޗުގައި ރާމޯސް ދެ ގޯލު ޖެހުމުންނެވެ.

ސޮލާރީ ބުނީ ޑިފެންސަށް ކުޅެމުން ރާމޯސް ވަނީ އޭނާގެ ގާބިލްކަން ދައްކައިދީފައި ކަމަށާއި އަދި އޭނާ ގޯލްޖަހާ ރޭޓަށް ބަލާއިރު އެންމެ ކުރީގައި ފޯވަޑެއްގެ ގޮތުގައި ބަހައްޓަން ފަސް ނުޖެހޭނެ ކަމަށެވެ.
ޖިރޯނާ ކޮޅަށް އެ މެޗުގައި ރާމޯސް ޖެހި ފުރަތަމަ ގޯލް ޕެނަލްޓީއަކުން ޖެހިއިރު، ދެވަނަ ގޯލު ޖެހީ ބޮލުންނެވެ. ސޮލާރީ ބުނީ އެއީ އެންމެ މޮޅު ފޯވަޑަކު ވެސް ބޮލުން ގޯލަށް ޖަހާނެހާ މޮޅަށް ރާމޯސް ޖެހި ގޯލެއް ކަމަށެވެ.

އުމުރުން މިހާރު 32 އަހަރުގެ ޑިފެންޑަރު އަދި ރެއާލް އާއި ސްޕޭނުގެ ގައުމީ ކެޕްޓަން ވަނީ މިހާތަނަށް 74 ގޯލު ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ ރެއާލް އަށް ޖަހައިދީފައިވާ 57 ގޯލާއި ގައުމީ ޓީމަށް ޖެހި 17 ގޯލެވެ.