ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރަން 97 ފަރާތުން ކުރިމަތިލައިފިއެވެ.
ޖޭޕީގެ ސްޕޯކްސް ޕާސަން ޢަލީ ޞާލިޙު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. ޖޭޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވެގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ނަންތައް ދިރާސާ ކުރުމަށް ނަގާފައިވާ ހަތް މެންބަރުންގެ ކޮމެޓީން މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޢަލީ ވިދާޅުވިއެވެ.
ޖޭޕީން ވާދަ ކުރަނީ ކިތައް ދާއިރާއަށްތޯ އެހުމުން ޢަލީ ވިދާޅުވީ އެކަމުގައި ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި ވިދާޅުވީ ނަންތައް ދިރާސާ ކުރާ ކޮމެޓީގެ މަސައްކަތް ނިމުނުހާ އަވަހަކަށް ކައުންސިލުން އެކަމަށްވެސް ގޮތެއް ނިންމާނެ ކަމަށެވެ.
މަޖިލިސް އިންތިޚާބަށް ޖޭޕީން ވާދަކުރާނެ ހުރިހާ ދާއިރާއެއް އަަދި ކަނޑައަޅާފައިނުވެއެވެ. އަދި އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް ޓިކެޓް ދޭނެ އުސޫލެއްވެސް އެ ޕާޓީން އަދި އާއްމުކޮށްފައެއް ނުވެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެޕާޓީން ފުރުޞަތު ހުޅުވާލީ ސަރުކާރުން ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އިންތިޚާބުގައި ވާދަކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވި އުޅެނިކޮށް އެމްޑީޕީން މުޅި މަޖިލީހަށް ކުރިމަތިލާން ނިންމުމާއި ގުޅިގެންނެވެ.
މި މައްސަލާގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރަށް އޮތްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަން އެކުގައި ވާދަކުރުމަށް ކުރިން ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމާމެދު ރައީސް ޞާލިޙާ މަޝްވަރާ ކުރެއްވިކަމަށާ، އެހެން ނަމަވެސް އެމްޑީޕީން އެގޮތަށް ޢަމަލު ނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ދާދިފަހުން އިބްރާޙީމް މުޙައްމަދު ޞާލިޙު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ބޭނުންވަނީ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި އެއްބާރުލުން ދޭނެ މަޖިލީހެއް ކަމަށްވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.