ޚަބަރު

ފަރުވާ ދިނުމަށްފަހު އަދީބު އަނެއްކާވެސް ޖަލަށް ގެންގޮސްފި


ހާލުކޮޅު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލްގައި އިއްޔެ އެޑްމިޓްކުރި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ފަރުވާ ދިނުމަށްފަހު އަލުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

އެމްޓީޑީގެ މެންބަރަކު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ އަދީބު ޖަލަށް ގެންދިޔައީ ރޭ 8:30 އެހާކަށްހާއިރު ކަމަށެވެ. ޖަލުގައި ހުންނަވަނިކޮށް އަދީބުގެ ސިއްޙީ ޙާލަތު ގޯސްވެ އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އަދީބަށް އިއްޔެ ވަނީ ފަރުވާ ދީފައެވެ. އޭނާ އިއްޔެ މާލެ ގެންނެވިއިރު ހާލުދެރަކަމުން އަމިއްލަފުޅަށް ނުވެސްހިންގެވޭ ކަމަށް އެމްޓީޑީގެ ބައެއް މެންބަރުން އިއްޔެ ވިދާޅުވިއެވެ.

އަދީބުގެ ޢާއިލާއިން ބުނީ އަދީބު ބަންދުގައި ހުންނެވި ގޮޅީގެ ތެރެއަށް ވެއްޓުމުގެ ސަބަބުން އޭނާގެ ނިތްކުރި ނޫފައިގެންފައިވާ ކަމަށާއި އަދި ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ. އަދި އެކަން ޖަލުގެ އޮފިސަރުންގެ ސަމާލުކަމަށް އަދީބު ގެންނެވުމާއި އެކު، ޖަލުގެ ޑޮކްޓަރު އަދީބު ބެއްލެވުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމަށް ޖަލުގެ ޑޮކްޓަރު ލަފާ ދެއްވި ކަމަށް ޢާއިލާއިން ބުނެއެވެ. އަދި އެކަން ޖަލުގެ އިސްވެރިންނަށް އެންގުމުންވެސް އެކަމަށް ޖަވާބެއް ދީފައިނުވާ ކަމަށް ޢާއިލާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ޢާއިލާއިން ބުނީ އައިޖީއެމް ހޮސްޕިޓަލަށް އަދީބު ގެންދިއުމުން ފަސް ޑޮކްޓަރަކު ވެގެން އަދީބު ބެއްލެވުމަށްފަހު އަދީބަށް މީގެކުރިން ފަރުވާ ކުރި ޑޮކްޓަރު ގެނައުމަށް ލަފާ ދެއްވި ކަމަށެވެ. ނަމަވެސް އެ ޑޮކްޓަރަށް އާދެވެން ނެތް ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށާއި އަދި އެ ޑޮކްޓަރު އަދީބުގެ ކިޑްނީ ސްޓޯން ޕާސް ކުރުމަށް ދީފައިވާ ބޭސް ހުއްޓާލުމަށް ދެންނެވި ކަމަށް ކަރެކްޝަނާއި ޙަވާލާދީ އަދީބުގެ ޢާއިލާއިން ބުންޏެވެ.

އަދީބުގެ ހާލުކޮޅު ގޯސްވުމާގުޅިގެން ޑޮކްޓަރުންގެ އިރުޝާދާއެކު ކުރިން ގޭބަންދަށް ބަދަލު ކުރެއްވި ނަމަވެސް މިމަހުގެ ދެވަނަ ދުވަހުވަނީ ޖަލަށް ބަދަލުކުރައްވާފައެވެ. އަދި އަދީބުގެ ހާލުކޮޅު ގޯސްވެ މިމަހުގެ ފަސްވަނަ ދުވަހުވެސް އެޑްމިޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް ފަހުން އަނެއްކާވެސް މިމަހުގެ 19 ދުވަހު އަދީބު ވަނީ އަނބުރާ ޖަލަށް ގެންދަވާފައެވެ.

އަޙްމަދު އަދީބާމެދު ސަރުކާރުން ކަންތައް ކުރައްވަނީ ވަރަށް އިހާނެތިކޮށް ކަމަށްބުނެ އަދީބުގެ އާއިލާގެ ބޭފުޅުންނާއި އަދީބަށް ތާޢީދުކުރައްވާ ފަރާތްތަކާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.