ސިޔާސީ

ނާޒިމް ހައިކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުން މިއަދު ބާއްވަނީ


ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްގެ މައްޗަށް ހަތިޔާރު ގެންގުޅުމާއި ދައުލަތާ ދެކޮޅު އަމަލު ހިންގާކަމަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން ނާޒިމް ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދިން މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މިއަދު ބޭއްވުމަށް ހައިކޯޓުން ތާވަލްކޮށްފިއެވެ.ނާޒިމްގެ ޤާނޫނީ ޓީމުން ހައިކޯޓަށް ހުށައަޅާފައިވަނީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި، ބަންދުގައި ބަހައްޓައިގެން ތަހްޤީޤް ކުރިއަށްގެންދިއުމަށް 15 ދުވަސް ޖަހާދިނުމަށް އެކޯޓުން ނިންމި ނިންމުން ބާތިލްކޮށްދެއްވުން އެދިއެވެ.މި ދެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތަށް މިއަދު މެންދުރު 2 ޖާހާއިރަށް އަދި 2:15 އަށް ތާވަލްކޮށްފައިވާއިރު ރޭ ނާޒިމްގެ ޤާނޫނީޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤާނޫނީ ވަކީލު މަޢުމޫން ހަމީދު ވަނީ ފުލުހުން މިމައްސަލައިގައި އަމަލުކޮށްފައިވާ ގޮތާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.ނާޒިމްގެ ޤާނޫނީ ޓީމުންވަނީ މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ މިމައްސަލަ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށްވެސް ހުށައަޅާފައެވެ.ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުއްﷲ ރިޔާޒު ވަނީ ފުލުހުންގެ ތެރޭގައި ސިޔާސީ މީހުންގެ ބޭނުންވާގޮތަށް އަމަލުކުރާ ބަޔަކު އުޅޭކަމަށް ތުހުމަތުކޮށްފައެވެ.އެހެންނަމަވެސް ފުލުހުންވަނީ މިކަން ކުރިންވެސް ދޮގުކޮށްފައެވެ.