ޚަބަރު

އަލީބާބާގެ ފްލައިޒޫ: އޭ.އައި އަދި ރޮބޮޓުން އެހީގައި ހިދުމަތްދޭ ހޮޓަލެއް


އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ޗައިނާގެ އަލީ ބާބާ ގްރޫޕުން އަނެއްކާވެސް ތަފާތު އީޖާދެއްގެ ހިމަނައިގެން އައު ޚިދުމަތެއް ތައާރަފްކޮށްފިއެވެ.

ރޮބޮޓިކްސް އާއި އާޓިފިޝަލް އިންޓަލިޖެންސްގެ ދާއިރާ ފުޅާވަމުންދާއިރު، އަލީބާބާއިން މިފަހަރު މިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އާޓިފިޝަލް އިންޓަލިޖެންސް ތަޢާރަފްކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްފައެވެ.

1999 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ޤާއިމްކުރި އަލީބަބާ ގްރޫޕަކީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުންޏަށް ވާއިރު، މިއީ ދުނިޔޭގެ ފެންވަރުގައި އޮންލައިންކޮށް ވިޔަފާރިކުރިއަރުވައި އެންމެ ފަހުގެ އިޖާދުތައް ތައާރަފްކޮށް، ވިޔަފާރީގެ މާހައުލުގައި މިފަދަ އީޖާދުތަށް ބޭނުންކުރުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އޮންލައިން ވިޔަފާރީގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ އަލީބާބާއިން މިހާރު ވަނީ ވަރަށް ތަފާތު ވިޔަފާރިއެއް ފަށާފައެވެ.

މިގޮތުން ޗައިނާގެ ޒޭޖިއާންގ ޕްރޮވިންސްގެ ހަންޒޯގައި އަލީބާބާއިން މިވަނީ މަސްނޫއީ މެޝިންތަކާއި ރޮބޮޓުތަކެއް މެދުވެރިކޮށް ޚިދުމަތްދޭ ވަރަށް ތަފާތު ހޮޓަލެއް ހުޅުވާފައެވެ. "ފްލައިޒޫ ހޮޓެލް"ގެ ނަން ދީފައިވާ މި ހޮޓަލަކީ، ފިއުޗަރ ހޮޓެލްސްގެ ނަމުގައި ހޮސްޕިޓާލިޓީ ދާއިރާއަށް އިންޤިލާބި ބަދަލުތަކެއް ގެނައުމަށް އެކުންފުނިން ތައަރަފްކުރި ވިޔަފާރިއެކެވެ. މިހޮޓަލުގައި އިންސާނުންގެ އެހީތެރިކަމާނުލާ ޗެކިންކުރުމާއި، ފޭސް ރިކޮގްނިޝަން ސިސްޓަމް ބޭނުންކޮށްގެން ދޮރު ހުޅުވުމާއި ވޮއިސް ކޮންޓްރޯލް މެދުވެރިކޮށް ހޮޓަލުގައި ހުންނަ ކޮޓަރިތަކުގެ ޓީވީއާއި ލައިޓް ފަދަ ތަކެތި ކޮންޓްރޯލް ކުރެވެން ހުރެއެވެ.

އަލީބާބާއިން ބުނީ މިދިޔަ ޑިސެންބަރު މަހު ހުޅުވި މިހޮޓަލުގައި ބޭނުންކުރާ ރޮބޮޓުތަކަކީ ހޮޓާ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން، ކޮލިޓީ ހިފެހެއްޓުމަށް މަގުފަހިކޮށްދޭނެ ޚިދުމަތެއް ކަމަށެވެ. އެގޮތުން ހޮޓަލުން ޚިދުމަތް ދިނުމަށް މުވައްޒަފުންތަކެއް ނެގުމުގެ ބަދަލުގައި މިރޮބޮޓުތަކުގެ ޒަރިއްޔާއިން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވުމުން ސްޓާފުން މަދުކޮށް، މުސާރަ ދިނުމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް އަލީބާބައިން ބުނެއެވެ. އަނެއްކޮޅުން މިއި ޚިދުމަތް ހޯދަން އިންސާނުންނާ މުއާމަލާތްކުރަންޖެހޭ މިންވަރު މަދުވެ، އެ ހޮޓަލުން ޚިދުމަތް ހޯދާ ފަތުރުވެރިންނަށް ޕްރައިވަސީވެސް އިތުރުވާނެ ކަމެއް ކަމަށް އަލީ ބާބާއިން ބުނެއެވެ.

އަލީބާބާގެ ފިއުޗަރ ހޮޓެލްސްގެ ސީއީއޯ އެންޑީ ވާން ބުނީ މިއީޖާދުގެ ސަބަބުން މިފަދަ ވިޔަފާރިކުރާ ފަރާތްތަކަށް އެއް ސިސްޓަމެއްގެ ތެރެއިން ހޮޓަލުގެ ގިނަ ކަންތައްތައް ބެލެހެއްޓުމަށް މަގުފަހި ކޮށްދޭނެކަމަށެވެ. އަދި ކަސްޓަމަރުންނަށްވެސް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް އޭނާ ދެކެއެވެ. އޭނާ ބުނީ މިއީ ދެވޭ ހިދުމަތްތަކުގެ ފެންވަރު ހިފެއްޓުމާއި، އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްވެސް މަގުފަހިވާނެ ކަމެއްކަމަށެވެ. އަލީބާބާގެ މިހޮޓަލުގެ ގެސްޓުން ލިފްޓަށް އެރުމުން އޭގައި ހުންނަ ކެމެރާއިން ގެސްޓުގެ މޫނު ސްކޭންކޮށް، އޭނާ ދާންވާ ފްލޯ އާއި ކޮޓަރިއަށް ގެންގޮސްދެއެވެ. އަދި އެމީހެއްގެ ކޮޓަރި ހުޅުވޭނީވެސް އެމީހެއްގެ މޫނު ސްކޭން ކުރުމުން. އަނެއްކޮޅުން މިހޮޓަލުގެ ކޮޓަރިތަކުގެ ފިނި ހޫނުމިނާއި، ފަރުދާތައް ކަހާ ހުޅުވުމާއި، ލައިޓްތައް ނިއްވާ ދިއްލުމުގެ އިތުރުން ރޫމް ސަރވިސް އޯޑަރ ކުރުމަށްވެސް ރޫމްގައި ހުންނަ ވޮއިސް ކޮމާންޑް ޓެކްނޮލޮޖީ ބޭނުންކުރެވޭނެއެވެ.

ފްލައިޒޫ ހޮޓެލްގެ ކަސްޓަމަރެއްކަމަށްވާ ޓްރޭސީ ލީ ބުނީ މިހޮޓަލާއި އާދައިގެ ހޮޓަލަކާއި ހުރި އެންމެ ބޮޑު ތަފާތަކީ ހިދުމަތްތައް އަވަސްވެފައި ރައްކާތެރިވުންކަމަށެވެ. އަދި ދިގު ކިއުގައި މަޑުނުކޮށް، ޗެކިންފަދަ ކަންތައްތައް އަވަހަށް ނިންމާލެވުންވެސް އެއީ ބޮޑު ފަސޭހައެއްކަމަށް އޭނާ ބުންޏެވެ. ޓްރޭސީ ބުނީ ރައްކާތެރިކަމަށް ބަލާނަމަ ފޭސް ރިކޮގްނިޝަން ސިސްޓަމެއް ހުރުމުން ހޮޓަލުގައި އުޅޭ މީހަކަށް ނޫނީ އެލަވޭޓަރ އާއި ރޫމްތަކަށް ނުވަދެވޭނޭކަމަށެވެ.

290 ކޮޓަރީގެ ފްލައިޒޫއަކީ އަލީބާބާއިން ފަތުރުވެރިކަމާއި ހޮޓެލް އިންޑަސްޓްރީއަށް މަސްނޫއީ މެޝިނާއި ރޮބޮޓުތައް ތައާރަފްކޮށް ޓެސްޓްކުރާ ފުރަތަމަ ފަހަރެވެ. އެކުންފުނިން ބުނީ އުންމީދަކީ އެމީހުންގެ އީޖާދު ހޮޓެލް އިންޑަސްޓްރީގެ އިތުރު ފަރާތްތަކަށް ވިއްކުންކަމަށެވެ. އަދި މިއީ އެކުންފުނިން އާރޓިފިޝަލް އިންޓެލިޖަންސްގެ ދާއިރާއިން ހޯދަމުންދާ ކުރިއެރުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ބުންޏެވެ. އަލީބާބާގެ މިހޮޓަލުގެ ކޮޓަރިތަކުގެ އަގަށްބަލާއިރު ރެއަކަށް ދައްކަން ޖެހޭނީ 205 ޑޮލަރު ނުވަތަ ތޭރަ ސަތޭކަ ނުވަދިހަ ޔުއާންއެވެ.