ޓުއަރިޒަމް

ހުއްދަ ބާތިލްކުރި ފަޅާއި ރަށްތަކުން 157މިލިއަން ޑޮލަރު ލިބެންޖެހޭ


ފަތުރުވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުކަތުގެ ތެރެއިން ހުއްދަ ބާތިލްކުރި ފަޅާއި ރަށްތަކުން، ސަރުކާރަށް ލިބެންޖެހޭ 157 މިލިއަން ޑޮލަރު ނުވަތަ  2.4 ބިލިއަން ރުފިޔާ ހޯދުމަށް މީރާގައި އެދިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.ޓޫރިޒަމް ޤާނޫނާ ހަވާލާ ދެއްވާ އަދީބު ވިދާޅުވީ، ރިސޯޓް ނުވަތަ ހޮޓާ އަޅަން ދޫކުރާ ރަށްރަށުގެ ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވުމާއެކު، އެ ރަށްތަކަށް ކުލި ހިނގަން ފަށާނެ ކަމަށެވެ. އަދި ރަށް ހެދިޔަސް ނުހެދިޔަސް ކުލި ހިނގަމުން އަންނަކަން ޓުއަރިޒަމް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ރިސޯޓް، ހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެ ރަށްތައް ހަދަން ދީފައިވާ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކޮށްދީ އަދި ބޮޑެތި އިނާޔަތްތައް ސަރުކާރުން ދީފައިވާކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ދިން ކޮންސެޝަންގެ ދަށުން ކުރަންޖެހޭ ކަންކަން ނިންމާފައި ނުވާތީ ލީސް އެގްރީމަންޓްތައް ބާތިލް ކުރަން ޖެހުނީ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.ލީސް އެގްރީމަންޓް ބާތިލް ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ތ. ކަޅުފަހަލަފުއްޓާއި ނ.ރާފުއްޓާއި ހދ.ހޮނޑާފުއްޓާއި ގއ.ކޮނޑޭމަތީލާބަދޫ އާއި ގއ.ވޮޑަމުލާ އާއި ހދ.ކުޑަމުރައިދޫ އާއި ބ.މުތާފުށްޓެވެ.މީގެ އިތުރުން ހިންގަމުން އަންނަ ރިސޯޓްތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ރަށްރަށުގެ ލީސް އެގްރީމަންޓް ބާތިލް ކުރުމުގެ ކުރިން، ސަރުކާރަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ވެސް ޓޫރިޒަމުން ވަނީ މިމަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށް މުއްދަތެއް ދީފައެވެ.ގަވާއިދުން ކުލި ނުދައްކާ ރިސޯޓްތަކުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވާ ރަށްތަކަކީ،ފ. ފިލިތެޔޮ ރިސޯޓާއި މ. މެދުފުއްޓާއި މ.ކުޑަފުނަފަރާއި އދ.ކުޑަރަށާއި ހއ. އަލިދު އާއި ހއ. ބީނާފުއްޓާއި އއ.މަޑޫގަލި ރިސޯޓާއި ޅ.ކަނިފުއްޓާއި އއ. ވެލިދޫ އާއި ބ. ކިހާދުއްފަރެވެ.ޓުއަރިޒަމް މިނިސްޓްރީން ހުއްދަ ބާތިލުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދޫކޮށްފައިވާ ރަށްތަށް ހިމެނޭއިރު މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަދީބް ވިދާޅުވީ، ރަށްތަށް އަނބުރާ ނެގީ ވަކި މީހަކަށް ބަލައިގެން ނޫން ކަމަށާއި ސަރުކާރުން ނެގި ރަށްތަކުގެ ތެރޭގައި އެމްޓީޑީސީއަށް ދީފައި އޮތް ރަށަކާއި އެސްޓީއޯއަށް ދީފައި އޮތް ރަށެއްވެސް ހިމެނޭކަމަށެވެ.މީގެއިތުރުން އެހެން ބައެއް ފަރާތްތަކަށް ދޫކޮށް، ތަރައްގީ ނުކޮށް ހުރި ގިނަ ތަންތަނުގެ އެގްރީމަންޓްވެސް ޓޫރިޒަމުން ވަނީ ބާތިލްކޮށްފައެވެ.ސިޔާސީ ބޭފުޅަކު ކުށެއް ކޮށްފި ނަމަ، އެ އެކަމަކާ އަޅާ ނުލައި ދޫކޮށްލުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫން ކަމަށާއި، ރަށްތަކުގެ ކަންތައްތައް ވެސް ދިޔައީ ހަމަ އެ އުސޫލުން ކަމަށްވެސް އަދީބު ވިދާޅުވިއެވެ.