ކުޅިވަރު

އަންހެން ބައިގެ ޕްރިލިމިނަރީ ބުރުގެ އެއްވަނަ ލޮރެންޒޯ ސްޕޯޓްސް ކްލަބަށް


ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ބައިގެ ޕްރިލިމިނަރީ ބުރުގެ އެއްވަނަ ލޮރެންޒޯ ސްޕޯޓްސް ކްލަބު ހޯދައިފިއެވެ.

އެޓީމު އެއްވަނަ ހޯދީ މި ބުރުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްގެންނެވެ.
އިއްޔެ ހަވީރު ލޮރެންޒޯ ވަނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ސެޓުތައް ލޮރެންޒޯއިން ގެންދިޔައީ 25-6، 25-8 އަދި 25-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލޮރެންޒޯގެ ޖާޒީ ނަމްބަރު 7 ފާތިމަތު ޖޫޒާން ޒަރީރެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލޮރެންޒޯ ޓީމުގެ ކޯޗު މުމްތާޒް އަލީ ބުނީ، ފުރަތަމަ ބުރުގެ ކުޅުން ނިމިގެންދިޔައިރު ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުން އެހާ ރަގަޅު ނޫންކަމަށާއި، އެހެންނަމަވެސް ދެވަނަ ބުރުގައި ޓީމު ތަފާތު ވާނެކަމަށެވެ. މުމްތާޒް ބުނީ އެޓޭކިންގ އާއި ސާރވިސް އަދި ރިސީވް ކުރުން ރަގަޅު ކުރަން ޖެހޭކަމަށާއި، މިކަންކަން ރަގަޅު ކުރުމަށްފަހު ދެވަނަ ބުރުގައި ރަގަޅު ފައިޓެއް ޕޮލިހާއި ވެމްކޯއަށް ދެވޭނެކަމަށް ކޯޗު ބުންޏެވެ.

މުމްތާޒް ބުނީ ކޯޗަކު ޓީމާއި ހަވާލުވާއިރު ފުރަތަމަ ބަލާނީ އެ ޓީމަކު ތިބި ކުޅުންތެރިން ކޯޗާއި މެދު ކިހާ އިތުބާރެއް ކުރޭތޯ ކަމަށާއި، އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ކޯޗަށް އިތުބާރުކުރާކަމަށެވެ. އަދި ޓީމެއްގެ ގޮތުގައި ކާމިޔާބު ލިބޭނީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިޔަކަށް ފުރިހަމަ އިތުބާރުކޮށްގެންކަމަށްވެސް މުންތާޒް ބުންޏެވެ.