ވިޔަފާރި

ސޯޝަލް މީޑިއާގައި ގެސްޓްހައުސް އިޝްތިހާރުކުރުމާބެހޭ ވޯކްޝޮޕެއް ބާއްވައިފި


އެމް.އެމް.ޕީ.އާރު.ސީން ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ސޯޝަލް މީޑިއާގައި ގެސްޓްހައުސްތައް އިޝްތިހާރުކުރުމާބެހޭ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ގެސްޓްހައުސް ވިޔަފާރި އިސްތިހާރުކުރުމުގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ގޮތްތައް ބައިވެރިންނަށް ބުނެދީފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ގެސްޓްހައުސްތައް އިޝްތިހާރުކުރުމަށް ހާއްސަ މާކެޓިން ޕްލޭނަކާއި ކެންޕެއިންތައް އެކުލަވާލާނެ ގޮތްތަކާއި ބެހޭ ގޮތުންވެސް މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ގެސްޓް ހައުސްތަކުން ބައިވެރިވި މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައިވަނީ، އެމް.އެމް.ޕީ.އާރު.ސީގައި މަސައްކަތްކުރައްވާތާ 12 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަދި މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ އިސްމާއިލް ޝަހީރެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ ކުރިއަށް އޮތްތަނުގައި ގެސްޓް ހައުސްތަކާއެކު މިހާރަށްވުރެ ގާތުން މަސައްކަތްކުރުމަށް ނިންމާފައިވާކަމަށައި، މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައިވެސް ހިންގާނޭކަމަށެވެ.