ޚަބަރު

އެހެން ޕާޓީއެއްގެ ވަޞީލަތް ބޭނުންކޮށްގެން އާ ޕާޓީއެއް ހަދާނަމަ ހުއްދަ ބާތިލްވާ ގޮތަށް ހަދައިފި


އެހެންޕާޓީއެއްގެ ވަޞީލަތްތައް ބޭނުންކޮށްގެން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާނަމަ އެ ޕާޓީއެއްގެ ހުއްދަ ބާތިލް ކުރާ ގޮތަށް ޤަވާއިދެއް އެކުލަވާލައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤަވާއިދުގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން މިރޭ ގެޒެޓްކުރި ޤަވާއިދުގައި ބުނެފައިވަނީ ޕާޓީއެއް އުފައްދަން ހުއްދަ ދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުންދަނީ ރަޖިސްޓަރީކުރެވި ހިނގަމުންދާ އެހެން ޕާޓީއެއްގެ ވަސީލަތްތައް ނުވަތަ މުވައްޒަފުން ބޭނުންކޮށްގެންކަން ނުވަތަ އެ ޕާޓީއެއްގެ ކަންކަމުގައި ޒިންމާވާނެ އިސްފަރާތެއް ނެތުމުގެ ސަބަބުން އެ ޕާޓީއެއްގެ ހިނގުން ހުއްޓިގެން ހިނގައިދާނެ ފަދަ
ގޮތަކަށްކަމަށް ބެލެވޭނަމަ، ނުވަތަ ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން އޮޅުވައިލައިގެންކަން ހާމަވާ ފަދަ ޝަކުވާތައް ކޮމިޝަނަށް ހުށައެޅޭނަމަ އެފަދަ ޝަކުވާތައް ބެލުމަށްފަހު އެކަންކަމުގައި ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެންނަނަމަ، އެ މައްސަލައެއް ތަޙުޤީޤުކުރުމަށް ކަމާބެހޭ އިދާރާއަށް ފޮނުވުމުގެ އިޚްތިޔާރު އެކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ޤަވާއިދުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޝަޚްސީގޮތުން ޒިންމާވާނެ ފަރާތެއް އިލެކްޝަންސް ކޮމިޝަނަށް ނުދައްކާނަމަ، އެ ދަރަންޏެއް އުފެދުނުއިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތް ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. މި ޤަވާއިދުގައި ސިޔާސީ ޕާޓީތައް އުފެއްދުމާއި، ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާޠިލުކުރާނެ އުސޫލުތަކުގެ އިތުރުން ޕާޓީތަކުގެ ދަރަންޏަށް ޝަޚްސީގޮތުން ޒިންމާވާނެ ފަރާތެއް އެކޮމިޝަނަށް އަންގަންޖެހޭގޮތަށް ވަނީ މާއްދާތަކެއް ހިމަނާފައެވެ.
ގެޒެޓްކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި މިޤަވާއިދުގެ 29 ވަނަ މާއްދާގައި ބުނެފައިވަނީ ކުރިއަށް އޮތް އެއް މަސްތެރޭގައި ޕާޓީތަކުގައި މިހާރު ހުރި ދަރަންޏަށް ޝަޚްޞީގޮތުން ޒިންމާވާނެ ފަރާތެއް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި ޒިންމާވާނެ ފަރާތެއް ހުށަނާޅާނަމަ އެ ދަރަންޏަށް ޒިންމާވާންޖެހޭނީ ދަރަނި އުފެދުނުއިރު ޕާޓީގައި ހުރި އެންމެ އިސް ފަރާތުންކަމަށް ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އައު ޤަވާޢިދެއް އެކުލަވާލާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފައްދަނީ މިހާރު އެމަނިކުފާނު ރައީސަކަށް ހުންނެވި އަދި ކުރިން ވެރިކަން ކުރި މައި ޕާޓީ ޕީ.ޕީ.އެމްގައި ބޮޑެތި ދަރަނިތަކެއް އޮވެ އެދަރަންޏަށް ޒިންމާވާނެ ފަރާތެއް ނެތިކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުންނާއި އާންމުން އެކަމުގެ ޝުޢޫރުފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިޤަވާއިދު އާންމުކުރުމާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ދެންނެވި ސުވާލަކަސް ޖަވާބުދެއްވަމުން އަލަށް އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި ދާދިފަހުން ގުޅުނު ޕީ.ޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވީ، ޕީ.ޕީ.އެމްއާ އަލަށް އުފައްދާ ޕީ.އެން.ސީ އަކީ ވަރަށް ޤާތްގުޅުންތަކެއް އޮތް ދެޕާޓީއެއް ކަމަށެވެ. ނަމަވެސް ޕީ.އެން.ސީ އުފެއްދުމަށް އެހެން އެއްވެސް ޕާޓީއެއްގެ ވަސީލަތްތަކެއް ބޭނުން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕީ.ޕީ.އެމްގެ ދަރަނި ނުދެއްކި ގިނަ ދުވަސްތަކެއް ވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދޭންޖެހޭ ފައިސާ މިހާތަނަށްވެސް ދައްކާފައި ނުވާތީކަމަށް މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވިއެވެ.