ޚަބަރު

ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދަޢުވާ ކުރިއަށް ނުގެންދާން ނިންމައިފި


ދިއްގަރު ދާއިރާގެ މެންބަރ ފާރިސް މަޢުމޫނަށް ދަޢުލަތުން ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީން ނިންމައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް، ޕީޖީން މިއަދު ފާރިސް މަޢުމޫނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ ފާރިސް މަޢުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށްވެސް ޕީޖީން ފާރިސަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ހުށައެޅުއްވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އަމުރުކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ ނަވާރަވަނަދުވަހުއެވެ.

ރިޝްވަތު ހުށަހެޅުމަށް އުޅުނު ކަމުގެ ތުހުމަތު ފާރިސްއަށް އޭރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާޢީދު ހޯދަން މަޖިލީހުގެ އެހެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުމަށް އިސްވެ އުޅުނު ކަމަށް ބުނެ އެވެ.