ޚަބަރު

ކޮޅުވެއްޓީގައިތިބި 3 ފަޅުވެރިން އަދިވެސް ނުފެނޭ- އެމްއެންޑީއެފް


ކ. ތިލަފުށިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި "ކޮރަލް ކްރާފްޓް" ކޮޅުވެއްޓި ހޯދާފައިވާއިރު، ގެއްލިގެން ހޯދަމުންދާ ތިން ފަޅުވެރިން އަދިވެސް ނުފެންނަށްކަމަށް އެމް.އެން.ޑީ.އެފުން ހާމަކޮށްފިއެވެ.ކޮރަލް ކްރާފްޓުން ދަތުރުކުރި ފަޅުވެރިންގެ ތެރެއިން ނުފެނިވާ ތިން ފަޅުވެރިން ހޯދުމަށް އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަނާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ލެފްޓިނެންޓް ކާނަލް އިބްރާހިމް ހިލްމީ ވިދާޅުވީ، ކޮޅުވެއްޓި ފެނިފައިވަނީ އެ އުޅަނދު ބަންޑު ޖަހާލި ސަރަހައްދާ ހަތްދިހަ މޭލު ދުރުން ބ. ތުޅާދޫގެ ފަސްދޮޅަސް މޭލު ބޭރުން ކަމަށެވެ. އަދި މި ހާދިސާގައި ކަނޑަށް ފުންމާލި ފަސް މީހުންގެ ތެރެއިން ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އިންޑިއާގެ ކޯސްޓް ގާޑާ ގުޅިގެން އެއްގަމުންނާއި ވައިގެ މަގުން ކުރަމުންދާކަމަށް ހިލްމީ ވިދާޅުވިއެވެ.ހިލްމީ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ކޮޅުވެއްޓި ބަންޑުން ޖަހާލަން މެދުވެރިވީ،  ކޮޅުވެއްޓީގެ އިންޖީނު ރޫމާ ދިމާއިން ދިޔަ ވާން ފެށުމުން އުޅަނދު ވާތްފަރާތުން އަރިއަޅާލުމުގެ ސަބަބުންކަމަށެވެ. އަދި އެވަގުތު އޭގައި ތިބި އެންމެން މޫދަށް ފުންމާލި ކަމަށާއި، ފުންމާލިއިރު އެމީހުންނަށް ލައިފް ޖެކެޓް އެޅުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއެވެ.މި ޙާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ ދެމީހުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ގާތްގަނޑަކަށް ދިގުމިނުގައި ސަތޭކަ ފޫޓު ހުންނަ ޔުނިވާސަލް އެންޓަޕްރައިޒަސްގެ "ކޮރަލް ކްރާފްޓް" ނަމަކަށް ކިޔާ ލޭންޑިންގް ކްރާފްޓު ބަންޑުން ޖަހާލައިގެން ކަނޑުވި ތިން މީހުން ހޯދުމުގައި އިންޑިއަން ނޭވީގެ ޚާއްސަ ފްލައިޓެއްވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.