ޚަބަރު

އަދީބު ޖަލަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އޮންނަ އުސޫލުން - ރައީސް


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޖަލަށް ބަދަލުކުރުމުގައި ސަރުކާރުގެ ކަމާއިގުޅުންހުރި އިދާރާތަކުން އަމަލުކޮށްފައިވަނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ފަރުވާއަށްފަހު އަދީބު ޖަލަށް ބަދަލުކުރުމާއި ގުޅިގެން ޚުދު އެމަނިކުފާނަށްވެސް އަދީބު އާއިލާއާއި އެކި ފަރާތްތަކުން އެކަމާއި ގުޅޭ ސިޓީތައް ފޮނުވަމުންދާތީ އެކަން ބައްލަވަމުންގެންދަވާކަމަށެވެ.

ރައީސް ވިދާޅުވީ އެކަން ހިނގާފައިވާ ގޮތް މިހާތަނަށް ބެލި ބެލުމުން އަދީބު ޖަލަށް ބަދަލުކުރުމުގައި ހޯމް މިނިސްޓްރީއާއި، ކަރެކްޝަނަލް ސަރވިސުންވެސް އަލަމުކޮށްފައިވަނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތީންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިހާތަނަކަށް ބެލިބެލުމުން ހޯމް މިނިސްޓްރީ އިން ވެސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް އަދީބާ މެދު އަމަލު ކުރަމުން ގެންދެވީ ގާނުނުތަކާއި ގަވައިދުތަކާ އެއްގޮތަށް، އޭގައި މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ފާހަގަ ކުރެވިފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިޙްގެ މިވާހަކަފުޅާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ އަދީބުގެ ބޭސް ފަރުވާގެ ކަންކަމާއި ގުޅޭގޮތުން ކަމާއިގުޅުހުންހުރި އިދާރާތަކުން ރައީސަށް އަރުވާފައިވަނީ އެންމެ ރަނގަޅު މައުލޫމާތެއް ނޫންކަމަށް ތުހުމަތުކުރައްވާފައެވެ. މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ނަޝްވާ ވަނީ އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ހޯމްމިނިސްޓްރީން ގޯސްތަކެއް ހަދާފައިވާކަމަށް ތުހުމަތުކޮށް، އެކަން ރައީސް ޞާލިޙްއާ ޙިއްސާކުރަން ފުރުސަތުދެއްވުމަށް އެދިލައްވާފައެވެ.

ކަރެކްޝަނަލް ސަރވިސުން ބުނެފައިވަނީ އަދީބު ހުންނަވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައިކަމަށް އަދީބާމެދު ޢަމަލުކުރަނީ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް ކަމަށެވެ. މިގޮތުން ފަހުން ޖަލަށް ބަދަލުކޮށްފައި އަދީބު ބަހައްޓަވާފައިވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައިކަމަށްވެސް ކަރެކްޝަނަލް ސަރވިސުން ވަނީ ބުނެފައެވެ.