ޖާގައަށްވުރެ އިތުރަށް މާލެ ޖަލުގައި ޤައިދީންނާއި ބަންދު މީހުން ތިބި ކަމަށް ޖަލުތަކުގެ ހާލަތު ބެލުމަށް އުފައްދާފައިވާ، ކޮމިޝަން އޮފް ޕްރިޒަން އޯޑިޓުން މިއަދު ބުނެފި އެވެ.
މާލެ ޖަލުގެ ޙާލަތާއި ގުޅޭގޮތުން އެ ކޮމިޝަނުން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން މާލެ ޖަލަށް ކުރި ޒިޔާރަތުން ފާހަގަކުރެވުނީ ދެ މީހުން ބަހައްޓަން ހަދާފައި ހުންނަ ޖަލު ގޮޅިތަކުގައި ހަތަރު މީހުން ތިބި ކަމަށެވެ. އަދި ހަތަރު މީހުން ބެހެއްޓުމަށް ހަދާފައިވާ ޖަލު ގޮޅިތަކުގައި 10 މީހުން ތިބިކަން ކޮމިޝަނަށް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ މާލެ ޖަލުގައި ސިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ގިނަ ޢަދަދެއްގެ ބަންދު މީހުން ތިބި ކަމަށެވެ. އަދި އެތަނުގައި ސިއްޙީ ޚިދުމަތް ދިނުމަށް ޑޮކްޓަރަކު ޤާއިމްވެ ނުހުންނައިރު ސިއްޙީ ފަރުވާ ދިނުމަށް އެކަށީގެންވާ ވަޞީލަތްވެސް ނެތް ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ބަންދުގައި ހުންނަ މީހަކަށް ކުއްލި ޙާލަތުގައި ދިމާވާ ސިއްޙީ މައްސަލަތަކުގައި ފަރުވާ ދޭނެ ގޮތެއްވެސް މާލެ ޖަލުގައި ނެތް ކަމަށާއި އަދި އެންމެ އަވަހަށްވެސް ޤައިދީއަކު ހުންނަ ގޮޅިން ނެރެގެން ސިއްޙީ ޚިދުމަތް ދިނުމަށް 30 މިނެޓު ހޭދަވާ ކަމަށް މާލެ ޖަލުގެ ޙާލަތާއި ގުޅޭގޮތުން ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ރިޕޯޓުގައި ބުނެފައިވަނީ މާލެ ޖަލުގައި ބަހައްޓައިގެންވެސް ފަރުވާ ނުދެވޭ ވަރުގެ ބަލިމީހުން މިހާރުވެސް އެޖަލުގައި އެބަތިބި ކަމަށެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމާއި، އެ ރިޕޯޓަށް ރިޢާޔަތްކޮށް ޖަލުތަކުގެ ކަންކަން އިޞްލާހްކޮށް ގައިދީންގެ ޙައްޤުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ޙައްޤުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުން ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.