ޚަބަރު

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވިދާނެކަމުގެ އުއްމީދު ކުޑަ


ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވިދާނެކަމުގެ އުއްމީދު ކުޑަވެއްޖެއެވެ.
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ގުޅިފައިވާ ޕާޓީ ތަކުގެ ހުރިހާ ލީޑަރުން ވަނީ އެއްބަސްވެފައެވެ.

އަދި މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރައްވާކަމަށް ލީޑަރުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާތަނަށް ޖަލްސާ ބޭއްވޭނެ ޢަދަދަށް މެންބަރުންގެ ސޮއި ހަމަވެފައިނުވާއިރު، އަންނަ މަހުގެ ހަތްވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނެއެވެ. ދައުރުން ޖަލްސާ ބޭއްވުމަށްޓަކައި 43 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް މަޖިލިސް މެންބަރުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޖެނުއަރީ މަސް ނިމުމަކާއި ގާތެވެފައިވާއިރު، މަޖިލީހުގެ ޖަލްސާއެއް ބޭއްވިދާނެކަމުގެ އުއްމީދު ވަރަށް ކުޑަކަމަށެވެ. ސަބަބަކީ ގިނަ މެންބަރުން ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިންގައި އަތޮޅުތެރޭގައި ހަރާކާތްތެރިވުމާއި، މަޖިލީހުގެ ޗުއްޓީ ދުވަސްވަރުކަމުން ގިނަ މެންބަރުން މާލޭގައި ނޫޅުއްވާތީކަމަށް އެ މެންބަރުން ފާހަގަކުރެއްވިއެވެ.

ސަރުކާރު ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ، ޖަލްސާއެއް ދައުރުން ބޭއްވޭ މިންވަރަށް ސޮއި ހަމަވެއްޖެނަމަ އަދިވެސް ޖަލްސާ ބޭއްވިދާނެކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އަދިވެސް ސޮއިކޮށްފައި އޮތީ 22 މެންބަރުންކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޖިލިސް މެމްބަރުން ޗުއްޓީއަކަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ހުރި މުހިންމު ބައެއް ބިލްތައް ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ޖެނުއަރީ މަހުގެތެރޭގައި ބޭއްވޭތޯ ސަރުކާރުގައި ހިމެނޭ ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިދިޔަ މަހު ޗުއްޓީއަށް ވަޑައިގެންނެވިއިރު މަޖިލީހުގެ ތަޅުމުގައި ސަރުކާރުން ބޭނުންވާ މުހިންމު ބިލްތަކެއް ހުރެ ފާސް ނުކުރެވުމާއި ގުޅިގެން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.