ޚަބަރު

އައިޔޫއެމްގެ ފަހި ދުވަސް މިއަދު ފުވައްމުލަކުގައި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމް އިން ފުވައްމުލަކު ސިޓީގައި ފަށާ ކޯސްތަކުގެ މަޢުލޫމާތު ދިނުމަށް ބާއްވާ އޯޕަން ޑޭ މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

އައިޔޫއެމް ފުވައްމުލަކު ސިޓީ ލަރނިންގ ސެންޓަރުން ކުރިއަށް ގެންދާ ކޯސްތަކުގެ މަޢުލޫމާތު ދިނުމަށް، ފަހި ދުވަހުގެ ނަމުގައި ބައްވާ ޙަރަކާތްތައް މިއަދާއި މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައި ކުރިއަށްގެންދާ މި ހަރަކާތް މިއަދު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި ހޮނިހިރު ދުވަހު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްގެންދާނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މި އޯޕަން ޑޭގެ ތެރެއިން، އެކި ކޯސްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން ސެޓްފިކެޓްތައް ހިލޭ އެޓެސްޓް ކޮށްދިނުމާއި، ކޯސްތަކަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަޢުލޫމަތުދެއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ލަރނިންގް ސެންޓަރެއް ޤާއިމްކޮށް އެ ޔުނިވަރސިޓީގެ ކޯސްތައް ފުވައްމުލަކު ސިޓީގައި ހިންގުމުގެ އެއްބަސްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލާއި އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. އަދި މިއަހަރު އެ ޔުނިވަރސިޓީގެ ކޯސްތައް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އައިޔޫއެމުން ބުނެއެވެ.