ޚަބަރު

މުސާރައިގެ އެއްބައި ނުލިބި ތިބި މުދިމުންނަށް މާދަމާ މުސާރަ ދެނީ


މާލޭ މިސްކިތްތަކުގެ މުދިމުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމާއި ގުޅިގެން ދިމާވި އިދާރީ މައްސަލަތަކަކާއި ގުޅިގެން މުސާރައިގެ އެއްބައި ނުލިބި ތިބި މުދިމުންނަށް މާދަމާ މުސާރަ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.އިސްލާމިކް މިނިސްޓްރީން ބުނީ މުސާރަ ދިނުމަށް މިހާރު ފޮނުވައިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި މުސާރައިގެ އެއްބައި ނުލިބި ތިބި މުދިމުންނަށް މުސާރައިގެ ނުލިބޭ ބައި ލިބޭނެކަމުގައެވެ.އިސްލާމިކް މިނިސްޓްރީއަށް މުދިމުންގެ މުސާރަ ޖަމާކުރުމުގައި އޮޅުން އަރާފައިވަނީ އިމާމުންނާއި މިސްކިތްތަކުގެ އެންމެހައި މަސައްކަތްތައް މާލެ ސިޓީ ކައުންސިލް ދަށުން ނަގާ އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ފަހުންކަމަށްވަމުން ސިޓީ ކައުންސިލުން މުޅި މުސާރަ ދޭނެ ކަމަށް މިނިސްޓްރީއަށް ގަބޫލު ކުރެވުމުންކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ސިޓީކައުންސިލުން މުދިމުންގެ މުސާރައިގެ ގޮތުގައި ޖަމާކޮށްފައިވަނީއެ ކައުންސިލް ބެލުމުގެ ދަށުގައި އޮތް 15 ދުވަހުގެ މުސާރައެވެ. އެހެންވުމުން މިނިސްޓްރީގެ ދަށުން ލިބެންވާ 15 ދުވަހުގެ މުސާރަ ދިނުމަށް މިހާރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.