ޚަބަރު

އެމްޑީޕީން ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ބަލައިގަންނަން ނިންމައިފި


ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ބަލައިގަންނަން އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީއަށްފަހު ފަރެސްމާތޮޑާ ދާއިރާގައި ވާދަކުރި ބައެއް ކެނޑިޑޭޓުން ހުށަހެޅި މައްސަލަތަކާ ގުޅިގެން އެޕާޓީންވަނީ އެ ދާއިރާގެ ވޯޓްގެ ކަންތަކަށް ގޮތެއް ނިންމުމަށް ޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް މިހާރު އެމްޑީޕީން ވަނީ އެދާއިރާގެ ޕްރައިމަރީ ބަލައިގަންނަން ނިންމާފައެވެ.

އެމްޑީގެ އެތެރޭގެ ޕްރައިމަރީއަށްފަހު ފަރެސްމާތޮޑާ ދާއިރާގައި ވާދަކުރި ބައެއް ކެނޑިޑޭޓުން ޝަކުވާ ހުށަހަޅާފައިވަނީ އެދާއިރާގެ ވޯޓްލުން ކުރިއަށް ދިޔައިރު ބައެއް މީހުން ފާހަގަޖެހި ވޯޓް ކަރުދާސްކޮޅު އެހެން މީހުންނަށް ދެއްކި ކަމަށާއި ގަދަވެ ހެޔޮހާލުގައި ތިބި މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓް ލައިދިނުން ފަދަ ކަންކަމާއި އިންތިހާބުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ބައެއް ގޭބިސީތަކަށް ރުފިޔާ ބަހާ ވަކި ކެނޑިޑޭޓަކު ހޮވުމަށް މަސައްކަތްތަކެއް ކުރި ކަމަށް ބުނެފައެވެ.

ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ބަލައިގަންނަން ނިންމާފައި ވަނީ އެޕާޓީގެ އިންތިހާބާއި ގުޅޭ ޝަކުވާ ކޮމެޓީގެ ބައްދަލުވުމަކަށްފަހުއެވެ. އަދި އެނިންމުން އެދާއިރާގައި ވާދަކުރި ކެނޑިޑޭޓުންނަށާއި ޝަކުވާ ހުށަހެޅި ފަރާތްތަކަށް ވަނީ ހިއްޞާކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށްފަހު ބައެއް ދާއިރާތަކުން ޝަކުވާ ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ދާއިރާއެއްގެ ވޯޓްލުން އަލުން ބާއްވަން ނިންމާފައެއް ނުވެއެވެ.