ޚަބަރު

24 ގަޑިއިރު މަޖިލިސްހުޅުވައިގެން ވިޔަސް ޕީ.އެންސީ ރަޖިސްޓްރީކުރަން މަގުފަހިކުރުވާނަން - ޤާސިމް


ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ނުއުފެއްދިގެން އެމައްސަލަ މަޖިލީހަށް ހުށައަޅައިފިނަމަ 24 ގަޑިއިރު މަޖިލިސް ހުޅުވާފައި ބަހައްޓައިގެން ނަމަވެސް އެޕާޓީ އުފެއްދޭނެ މަގުފަހިކޮށްދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ވާހަކަފުޅުދައްކަވަމުން، ޤާސިމް އިބްރާޙިމް ވިދާޅުވީ، ޕީ.ޕީ.އެމް އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންގެ ފަރާތުން އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކެއް މިއަދު މަޖިލީސް ރައީސާއި ހިއްސާކުރިކަމަށެވެ. އެގޮތުން މަޖިލިސް އިންތިޚާބު ބޯމަތިވެފައިވާ މި ދުވަސްވަރު، ޕީ.ޕީ.އެމްގެ މިލްކުވެރިކަން ވަކިގޮތަކަށް ނުނިމި އޮތުމާއެކު ޕީ.އެން.ސީގެ ނަމުގައި އައު ޕާޓީއެއް އުފައްދަން ހުށައަޅައި އެކަމުގައި ލަސްތަކެއް ކުރިމަތިވާތީ މެންބަރުންގެ ހައްޤުތަކެއް ގެއްލެމުންދާކަމުގެ ޝަކުވާތަކެއް އެމެންބަރުން ކުރިކަމަށެވެ.

ޤާސިމް ވިދާޅުވީ މި ޝަކުވާތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުންގެ ފަރާތުން ކަމުގެ ތަފްސީލު ހޯއްދެވިކަމަށާއި، ޕީ.އެން.ސީ ރަޖިސްޓްރީ ކުރަން ހުށައެޅި ފޯމްތައް އިތުރަށް ބަލައި ތަފާތުގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާކަން ހާމަވެފައިވާކަމަށެވެ.

" ޕާޓީ ރަޖިސްޓްރީ ކުރެވެންޖެހޭނެ، އެހެން މީހުންނަށްވެސް އޮންނަ އުސޫލަކުން ވަކި އިތުރު ޤަވާއިދެއް ނޫނީ އުސޫލެއް ގެނެސްގެން އެކަންކަމެއްް ނުކުރެވޭނެ. ކޮށްގެންވެސް ނުވާނެ. އެހެންވީމަ މި ބޭފުޅުން މިތަނަށް ހުށައަޅައިފިޔާ އަޅގަނޑު 24 ގަޑިއިރު ރައްޔިތުންގެ މަިޖިލިސް ހުޅުވާފައި ބަހައްޓައިގެންވެސް އެކަން ނިންމާނަން. އެއީ އަޅު ގަނޑުގެ މަސްއޫލިއްޔަތު، އަޅުގަނޑަށް ކުރެވޭނެ އެކަންތައް، ކުރާނަން"

ޤާސިމް ވިދާޅުވީ އެއްވެސް ބަޔަކާމެދު އެއްވެސް މުއައްސަސައަކުންވެސް ޒާތީވެގެން ނުވާނެކަމަށެވެ. ދުނިޔެ ދައްކައިދޭ މަންޒަރަކީ
އިއްޔެގެ ދުޝްމަނުންނަކީ މިއަދުގެ މިތުރުންކަމަށާއި، މިއަދުންގެ މިތުރުންނަކީ މާދަމާގެ ދުޝްމަނުންކަމަށް ވިދާޅުވެ ޤާސިމްވަ ވިދާޅުވީ ޤައުމު ކުރިއަށްގެންދެވޭނީ ހުރިހާ ފަރާތްތަކުންވެސް އެބައެއްގެ ވާޖިބު އަދާކޮށްގެންކަމަށެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީ ރަޖިސްޓްރީކުރުމަށް 5،100 ފޯމް ހުށަހެޅުމުން އޭގެ ތެރެއިން ސައްހަ ކަމަށް އީސީން ކަނޑައަޅާފައިވަނީ 2،300 ފޯމް ކަމަށާއި، ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނުން ލަސްކުރަނީ، އެ ކޮމިޝަނަށް ފާޑުކިޔުމުން އެކަމާ ޒާތީވެގެން ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.