ޚަބަރު

ޕީއެންސީ މައްސަލާގައި ޤާސިމް އީސީ ޙަބީބަށް ގުޅުއްވައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެޕާޓީ ރަޖިސްޓްރީވުން ލަސްވުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް އިލެކްޝަންސް ކޮމިޝަންގެ މެންބަރ އިޞްމާއިލް ޙަބީބަށް ގުޅުއްވައިފިއެވެ.

ޕީއެންސީއާއި ޕީޕީއެމް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ރަޖިސްޓްރީކޮށް ނުދީ ވަކި ގޮތަކަށް އަމަލުކުރަމުން ދަނީ ޒާތީ ގޮތުން ކަމަށެވެ. އަދި ޕީއެންސީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުރަސްއަޅާކަމަށް ބުނެ، އެކަމަށް ހައްލެއް ހޯދުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ މަޖިލިސް ރައީސް ޤާސިމްއާ ބައްދަލުކުރައްވާ އެކަމުގައި ހުރި ކަންބޮޑުވުންތައް ޙިއްޞާ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާޢީލް ޙަބީބު ޕީއެސްއެމް ނިއުސްއަށް މިރޭ ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީ ކުރުމުގެ މައްސަލަ ލަސްވަމުންދާތީ އެކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙިމް މިއަދު ގުޅުއްވި ކަމަށެވެ. އަދި ޕީއެންސީ ރަޖިސްޓްރީ ކުރުން ލަސްވެގެން ދަނީ ކީއްވެގެންތޯ ސުވާލު ކުރެއްވި ކަމަށް ޙަބީބު ވިދާޅުވިއެވެ.

"ފުރަތަމަ ގުޅުއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސަށް. އެވަގުތު އެމަނިކުފާނު އިންނެވީ ފޯނު ކޯލެއްގައި. ދެން ގުޅުއްވީ އަޅުގަނޑަށް. ގުޅުއްވާފައި މި ވިދާޅުވީ ކީއްވެގެންތޯ ޕީއެންސީ ރަޖިސްޓްރީވުން ލަސްވަނީ. އަޅުގަނޑު ދެންނެވިން ރަޖިސްޓްރީ ނުވަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ނުވާތީ ކަމަށް،" ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެއްވެސް ތަފާތު ކުރުމެއް ނެތި ޕީއެންސީގެ މައްސަލާގައިވެސް މަސައްކަތް ކުރުމަށް ޤާސިމް އިބްރާޙީމް އެދިވަޑައިގެންނެވި ކަމަށެވެ.
ޕީއެންސީއާ ޕީޕީއެމް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީ ރަޖިސްޓްރީ ކުރުން ލަސްކުރަނީ އިލެކްޝަންސް ކޮމިޝަން ޒާތީ ވެގެން ކަމަށް ޕީއެންސީގެ މުއައްސިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވިދާޅުވުން ޙަބީބު ވަނީ ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެއްވެސް ސިޔާސީ ޕާޓީއަކާއި އަދި އަލަށް އުފައްދަން މަސައްކަތް ކުރާ އެއްވެސް ޕާޓީއަކާއި މެދު ޒާތީ މައްސަލަތަކެއް ނެތް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އުފެއްދުމަށް ހުށަހެޅި މެމްބަރޝިޕް ފޯމްތައް އީސީން ކެންސަލްކުރި މައްސަލަ އޮޅުން ފިލުވުމަށް އީސީގެ މެމްބަރު އިސްމާއިލް ހަބީބަށް ގުޅުމުން ޕީއެންސީގެ ފޯމްތައް ޞައްހަނޫން ކަމަށް ނިންމީ ޕީއެންސީއާމެދު "ޒާތީ" މައްސަލައެއް އޮވެގެންކަމަށް ހަބީބު ވިދާޅުވެފައިވާ ކަމަށެވެ. އަދި އީސީން ޒާތީވެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު އެފަރާތުން ގެންގުޅުނު އުސޫލުތަކުގެ ސަބަބުން ކަމަށެވެ.

ނަމަވެސް ހަބީބު ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީވުން ލަސްވާ މައްސަލާގައި އަބްދުއްރަޙީމް އެމަނިކުފާނަށް ގުޅުއްވި ކަމަށާއި އަދި އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ޙިއްޞާ ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލާގައި ޢަބްދުއްރަޙީމް ވަރަށް ގިނަ ސުވާލުތަކެއް ޙަބީބަށް ކުރެއްވި ކަމަށާއި އެ ހުރިހާ ސުވާލަކަށްވެސް ޖަވާބު ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް ޢަބްދުއްރަހީމް އެ ވިދާޅުވާ ޒާތުގެ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ޙަބީބު ވިދާޅުވިއެވެ.

ޕީއެންސީ އުފެއްދުމަށް 5،100 ފޯމް ހުށަހެޅުމުން އޭގެ ތެރެއިން ސައްހަ ކަމަށް އީސީން ކަނޑައަޅާފައިވަނީ 2،300 ފޯމް ކަމަށެވެ. ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން ހުއްދަ ހޯދަން އެ ޕާޓީގައި 3،000 މެމްބަރުން ހަމަކުރަން ޖެހެ އެވެ.