ޚަބަރު

5 ދުވަހަށް ސިވިލްކޯޓްގެ ޝަރީއަތްތައް މެދު ކަނޑާލައިފި


ސިވިލްކޯޓްގެ މަސައްކަތްތައް ފަސް ޑިވިޝަނަކަށް ސުޕްރީމްކޯޓުން ބަހާލުމުން އެ ޑިވިޝަންތަކުގެ މަސައްކަތް ތަރުތީބުކުރުމަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިވިލްކޯޓްގެ ޝަރީއަތްތައް މެދު ކަނޑާލައިފިއެވެ.ސިވިލްކޯޓްގެ މައްސަލަތައް ހަފްތާއެއްގެ މުއްދަތަށް މެދުކަނޑާލަން ނިންމީ އެ ކޯޓްގެ ގާޒީންގެ އާއްމު މަޖްލީހުންނެވެ.އެމަޖްލީހުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ ސުޕްރީމްކޯޓުގެ ސާރކިއުލާރ އިން ގާއިމްކޮށްފައިވާ ފަސް ޑިވިޝަންގެ މަސައްކަތް ތަރުތީބުކޮށް އެތަންތަނުގެ އިދާރީ އިންތިތާޒްމްތައް ހަމަޖެއްސުމަށް ހަފްތާއެއްގެ މުއްދަތައް ޝަރީއަތްތައް މެދުކަނޑާލިނަމަވެސް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިޔަށްދާނެކަމަށެވެ.ސިވިލްކޯޓްގެ މަސައްކަތް ބަހާލާފައިވާ ފަސްބަޔަކީ ޝަރީއަތަކާއި ނުލާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދާދިނުމާއި ބެހޭ ބަޔާއި، އެއްމިލިޔަނަށްވުރެ ގިނަރުފިޔާގެ މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތަކާއި ބެހޭ ބަޔާއި، އެއްމިލިޔަން ރުފިޔާއަށްވުރެ މަދު މުދަލާއި ފައިސާއާއި ބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތަކާއި ބެހޭ ބަޔާއި އިދާރީއި މައްސަލަތައް ބަލާ ބައެއްގެ އިތުރުން ހުކުމް ތަންފީޒުކުރުމާބެހޭ ބައެކެވެ.ސިވިލްކޯޓުން ބުނީ އެކޯޓްގައި ގާއިމްކުރެވުނު ފަސް ޑިވިޝަންގެ ތެރެއިން މުދަލާއި ފައިސާއާއި ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނާއި، މުދަލާއި ފައިސާއައި ބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނާއި، އިދާރީ މައްސަލަތައް ބަލާ ޑިވިޝަން އަދި އެ ކޯޓްގެ އިދާރީ ސެކްޝަނާއި އައިޓީ ސެކްޝަން ހިގަމުންދާނީ ޖަސްޓިސް ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާގައިކަމަށެވެ. އަދި ޑިސްޕިއުޓް ރިޒޮލިއުޝަންއާއި ބެހޭ ޑީވިޝަނާއި ހުކުމް ތަންފީޒުކުރުމާއި ބެހޭ ޑިވިޝަނާއި އަދި ރަޖިސްޓްރާރގެ ސެކްޝަނާއި ރެޖިސްޓްރޭޝަން ސެކްޝަނާއި ރަށްރަށު ކޯޓްތަކާއި ބެހޭ  ސެކްޝަނާއި ރިޕޯރޓް ސެކްޝަނާއި ފައިސާއާއި ބެހޭ ސެކްޝަން ހިގަމުން އަންނަނީ ކުރީގެ އެސްޓިއޯ އިމާރާތުގައި ހުންނަ  ސިވިލްކޯޓްގެ ބައިންކަމަށްވެސް އެކޯޓުން ބުނެއެވެ.އަލަށް މި އައި ބަދަލާއި އެކު  ސިވިލްކޯޓަށް ހުށައެޅޭ ކޮންމެ މައްސަލައެއްވެސް އެ ކޯޓަށް ބަލައި ގަންނަތާ ތިންދުވަހުގެ ތެރޭގައި ޝަރީއަތަކާއި  ނުލާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދާ ބަޔަށް ފޮނުވަންޖެހެއެވެ. އަދި އެ ޑިވިޝަނަށް އެ މައްސަލަ ފޮނުވާތާ ހަތްދުވަހުގެ ތެރޭގައި މައްސަލަ ހިންގުމަށްޓަކައި އެކުލަވާލަންޖެހޭ ހުރިހާ އިޖުރާތުތައް ފުރިހަމަކޮށް އެންމެ އަވަހަށް އެ މައްސަލައަކަށް ދެވެން އޮތް ސުލްހަވެރި ހައްލެއް ހޯދާދޭންޖެހެއެވެ. ސުލްހަވެރި ހައްލެއް ހޯދާދިނުމަށް ހިންގާ މައްސަލަތައް ހިންގަންވާނީ އެއްވެސް ވަކީލެއް މެދުވެރިނުކޮށް މައްސަލަ ހުށައެޅި ފަރާތާއި ދައުވާ ލިބޭ ފަރާތް ހާޒިރްކޮށް ދެ ފަރާތުން ދައްކާއި ވާހަކައާއި ހެކީގެ މައްޗަށް ބިނާކޮށްކަމަށާއި މިފަދަ އަޑުއެހުންތަކުގައި ކޮންމެ މީހަކު ވާހަކަ ދެއްކުމަށް ވިހި މިނެޓްގެ ހަތަރު ފުރުސަތު ދޭންޖެހެއެވެ.ސިވިލްކޯޓަށް ގެނެވުނު ބަދަލްތަކާއި އެކު ކޯޓްތަކަށް ހުށައެޅޭ މަދަނީ މައްސަލަތައް ތަންފީޒުކުރަންޖެހޭނީ އެކޯޓަކުންނެވެ. މިގޮތުން ސުޕްރީމްކޯޓާއި ހައިކޯޓާއި ކުރިމިނަލްކޯޓުން ނިންމާ މަދަނީ މައްސަލަތައް  ސިވިލްކޯޓުން ތަންފީޒުކުރަންޖެހޭއިރު އެހެން ކޯޓްތަކުން ނިންމާ މިފަދަ މައްސަލަ އެކޯޓަކުން ތަންފީޒްކުރުމަށް ވަކި ޑިވިޝަނެއް ކޮންމެ ކޯޓެއްގައި ކަނޑައަޅަންޖެހެއެވެ.