ދީނީ ކަންކަމުގައި އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރުމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޕޮލިސް އިންޓެލިޖެންސްގެ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމެޓީން ނިންމަވައިފިއެވެ.
މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ އެކުލަވާލެއްވި ޚާއްސަ ކޮމިޓީން މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެކޮމެޓީގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައެވެ.
ސޯޝަލް މީޑިއާގައި މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ޙައްލެއް ހޯދުމަށް އެކުވާލެއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، މިކަމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މިހާރު އުފެދިގެން އުޅޭ ނުތަނަވަސްކަން ޙައްލުކުރުމުގައި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުގެ އިތުރުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޕޮލިސް އިންޓެލިޖެންސްގެ އިރުޝާދާއި އެހީތެރިކަން ހޯއްދެވުމަށް ކޮމިޓީއިން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއްވިއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ސަރުކާރު އިއްތިޙާދުގެ މެނިފެސްޓޯގައި ވާފަދައިން މާތްވެގެންވާ އިސްލާމްދީނާ އެދީނުގެ ވަޙުދަތަށް ބުރޫއަރާފަދަ ކަމަކަށް އަދި އަނިޔާވެރިކަމާއި، ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދިނުމަށް މަސައްކަތްކުރުމަށް ކޮމެޓީގެ މެންބަރުންގެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ސޯޝަލް ކައުންސިލްގެ ދަށުން މަސައްކަތްކުރާ މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޤަދަރާ ހައިބަތައް އުނިކަން އަންނަ ގޮތަށް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަޤްބަލެއްގައި މިފަދަކަންކަމަށް ހައްލުހޯދުމުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިންމުމެވެ.